ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގުމަކުން ގެސްޓްހައުސްތަކަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ މާލެއާއި ހުޅުލެއާއި ދެމެދު އަޅަމުންދާ ބްރިޖުގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށް ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޒަމީރު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ޓޫރިސްޓުން ބޭނުން ވަނީ ރާއްޖޭގެ ރަށްތަކުގެ ރީތި މާހައުލުން އުފާ ލިބި ފަސްގަނޑުގައި ހުސްފަޔާ ހިނގާލުމަށް ކަމަށެވެ. ޓޫރިސްޓުންނަށް އެފަދަ މާހައުލެއް ހޯދައިދެވޭނީ ތިމާވެށީގެ ގޮތުން ނާޒުކު ތަންތަން ރައްކާތެރިކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"ރިސޯޓުތަކުގައި އެކަން ކުރެވޭ. އެކަމަކު މީހުން އުޅޭ ރަށްރަށަށް އަންނަ ޓޫރިސްޓުންނަށް އެ މާހައުލު ހޯދައިދެވޭނީ އެ ރަށްރަށުގެ ގޮނޑުދޮށާއި އެ ނޫން ވެސް ތިމާވެށީގެ ގޮތުން ނާޒުކު ތަންތަން ރައްކާތެރިކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ގޮނޑުދޮށްތައް ހިމާޔަތް ކުރުމާއި އެ ނޫން ވެސް ތިމާވެއްޓާ ގުޅުން ހުރި މަޝްރޫއުތައް ރަށްރަށުގައި އިތުރުކުރަން އެންވަޔަރަންމަންޓް މިނިސްޓްރީއާ ވާހަކަދައްކަމުންދާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ މަޝްރޫއުތަކަށް ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް ހަރަދުކޮށްފި ނަމަ، ގެއްލުމުގެ ބަދަލުގައި ކުރާނީ ފައިދާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.