މާލެ ސަރަހައްދުގައި އުފެދޭ ކުނި އުފުލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބޭނުންކުރުމަށް ތިން ކޮޅުވެއްޓި ބަނުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޓާ ފުއާދު އިބްރާހީމް އެވެ. މިމަސައްކަތާއި ހަވާލުވި އިންޑިއާގެ ވިޖެއި މެރިން ޝިޕްޔާޑް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ބިޒްނަސް ހެޑް ސޫރަޖް ޖައިރަމް ދައިލާނީ އެވެ.

މިރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވިދާޅުވީ މިއަދު ބަންނަން ހަވާލުކުރި ކޮޅުވެއްޓިތައް ގާތްގަނޑަކަށް ހަމަސް ދުވަހުގެ ތެރޭގައި އެކުންފުންޏަށް ލިބޭނެ ކަމަށެވެ. މިމަޝްރޫއަށް 35 މިލިއަން ރުފިޔާ ހަރަދުވާއިރު މިހުރިހާ ކޮޅުވެއްޓިއެއްގައި ޖުމްލަ 400 ޓަނުގެ ތަކެތި އުފުލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މިހާރު ދަނީ ވެމްކޯގެ ބޭނުމަށް ބަންނަ ކޮޅުވެއްޓިތަކުގެ ޑިޒައިން ފައިނަލް ކުރަމުން ކަމަށާއި އެމަސައްކަތް ނިމުމާއެކު ކޮޅުވެއްޓިތައް ބަނުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ވެމްކޯގެ ބޭނުމަށް ކޮޅުވެއްޓިތަކެއް ބަންނަން ނިންމީ މިހާރު ކުނިއުކާލަނީ ބައެއް އުޅަނދުތައް ކުއްޔަށް ހިފައިގެން ކަމަށްވާތީ އެކަމަށް ކުރަންޖެހޭ ހަރަދުތައް ބޮޑު ކަމަށް ފެންނާތީ ކަމަށެވެ. އަދި މިހާރު ކުނި އުކުމަށް ބޭނުންކުރާ ކޮޅުވެއްޓިތައް ވަރަށް ބޮޑަށް ބާވެފައި ހުރުމަކީ ވެސް އާ އުޅަނދުތައް ބަންނަން ނިންމި ސަބަބެއް ކަމަށްވެސް ވިދާޅުވި އެެވެ.

ފުއާދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބަންނަން ނިންމާފައިވާ ކޮޅުވެއްޓިތައް އެކުންފުންޏަށް ލިބުމުން މާލެއާއި ވިލިމއާލެ އަދި ހުޅުމާލެއިން ކުނި ބޭރުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެ މަސައްކަތްތައް އަވަސްކުރެވޭނެ ކަމަށެެވެ.

"މިއުޅަނދުތައް ލިބުމުން ދުވަހުން ދުވަހަށް ކުނި ބޭރުކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. އަދި މިސަރަހައްދުގެ ކުނީގެ މައްސަލައަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބޭނެ،" ފުއާދު ވިދާޅުވި އެވެ.