އެންވިޝަން އެންޓަޓައިންމަންޓުން އުފައްދާ "ބައިވެރިޔާ" ފިލްމްގެ ޓްރެއިލާ ރޭ ލޯންޗް ކޮށްފި އެވެ.

މ. ރަތްވިލާގޭގެ ޓެރެސްގައި ރޭ މި ކަމަށްޓަކައި ބޭއްވި ހަފްލާގައި ފިލްމުގެ ބައެއް ލަވަތަކާއި ފިލްމް ޕޯސްޓަރުވެސް ވަނީ ލޯންޗް ކޮށްފަ އެވެ.

މިހަފްލާގައި ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުގެ އިތުރުން ހުރިހާ ތަރިންނާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަށްވެސް ބައިވެެރިވެފައިވެ އެވެ.

މިހަފްލާގައި ވަނީ މި ފިލްމަށް ނަން ދީފައިވާ ގޮތް ވެސް މީޑިއާ އާއި ހިއްސާ ކޮށްފަ އެވެ. އެގޮތުން މިފިލްމަށް ނަން ދީފައިވަނީ މިފިލްމްގައި ލީޑް ރޯލްތަކުން ފެނިގެންދާ ފަސް ތަރިންނަށް ފިލްމްގައި ކިޔާ ނަމުގެ ފެށޭ އަކުރު ހިމަނައިގެންނެވެ. އެއީ:

ބަ- ބައްސާމް - ފައިސަލް

އި- އިވްރިޝާ - މަލް

ވެ- ވެރާޝް - ޔޫއްޕެ

ރި- ރިޔާޝާ - ޝީލާ

ޔާ- ޔާނިޝް - އަޒްމީލް

ދިވެހި ފިލްމު ބައިވެރިޔާ ޕްރޮޑިއުސް ކުރަނީ އިސްމާއިލް ޝަފީގްގެ އިތުރުން މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދު އެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.