ގައުމީ އެއާލައިން މޯލްޑިވިއަންގެ ނުވަވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

ރޭގެ ވަގުތެއްގައި ރާޢްޖެ ގެނައި މޯލްޑިވިއަންގެ ނުވަވަނަ ސީޕްލޭނަކީ ޑީއެޗްސީ 6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.

މި ސީޕްލޭން ރާއްޖެ ގެނެސްފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މޯލްޑިވިއަން އަށް އިތުރު މަތިންދާ ބޯޓަކާއި، ސީޕްލޭންއެއް ހޯދަން ވެސް އިއުލާންކޮށްފައިވެ އެވެ.

އެއިއުލާނެއްގައި ބުނެފައިވަނީ ދިހަ އަހަރަށް ވުރެ ކުރު މުއްދަތެއްގައި ބޭނުންކޮށްފައިވާ މަތިންދާ ބޯޓެއް އެކުންފުންޏަށް ބޭނުންވަނީ ހަ އަހަރުގެ މުއްދަތަކަށް ކަމަށެެވެ. އައިލެންޑް އޭވިއޭޝަނުން ހޯދަނީ 220 މީހުންގެ އެއާބަސް އޭ 321ގެ މަތިންދާ ބޯޓެކެވެ. އެކުންފުނީގައި މިހާރު ވެސް އޭ 320 ގެ 152 މީހުންގެ ޖާގައިގެ ބޯޓެއް ހިދުމަތުގައި ބޭނުންކުރެ އެވެ.

ރާއްޖެއަށް ރޭގެ ވަގުތެއްގައި ގެނެވުނު ބޯޓާއި އެކު މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު ޖުމްލަ 19 ބޯޓެއް ގެންގުޅެ އެވެ. އެއީ ޑޭޝް އަށެއްގެ އަށް ބޯޓާއި، ނުވަ ސީޕްލޭންގެ އިތުރުން ދެ އެއާބަސް އެވެ.

މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް ދުވަހުން ދުވަހަށް ފުޅާކުރަމުންދާއިރު މޯލްޑިވިއަންގެ ސީޕްލޭންތައް މިހާރު ހަ ރިސޯޓަކަށް ދަތުރުކުރެ އެވެ.