ސްރީލަންކާގެ ކޮލަމްބޯއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ފެށުމަށް ނިންމާފައިވާ ދަތުރުތައް ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެފި އެވެ.

އެ އެއާލައިންގެ އޮފިޝަލަކާއި ހަވާލާދީ ލަންކާގެ ބިޒްނަސް އޮންލައިންގައި ވަނީ މިކަން ޔަގީންކޮށްދީފަ އެވެ.

ނޫހުގައި ބުނެފައިވަނީ ސްރީލަންކަން އެއާލައިންސް އިން ޑިސެމްބަރު މަހު ދަތުރުތައް ފެށުމަށް ހަމަޖައްސާފައިވާ އާ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ ޖަކާޓާއަށާއި، ޜާއްޖޭގެ އައްޑޫސިޓީ ކަމަށެވެ.

ސްރީލަންކަން އެއާލައިންސް އިން ކޮލަމްބޯއާއި އައްޑޫއާ ދެމެދު ހަފްތާ އަކު ހަތަރު ދަތުރުކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

މިދަތުރުތަކުގެ ޓިކެޓް ބުކް ކުރެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާއިރު ދަތުރުތަކަށް އެކަށީގެންވާ ތަރުހީބު ލިބެމުންދާ ކަަމަށް މައުލޫމާތު ލިބެ އެވެ.

ގަމާއި ކޮލަމްބޯއާއި ދެމެދު މޯލްޑިވިއަންގެ ދަތުރުތަކެއް ވެސް މީގެ ކުރިން ކޮށްފައިވެ އެވެ. މިދަތުރުތައް ވަގުތީ ގޮތުން ހުއްޓާލީ އެކަށީގެންވާ ތަރުހީބެއް ލިބެމުން ނުދާ ކަމަށް ބުނެ އެވެ.