ހަބޭސް ބޮޑުބެރު ގްރޫޕުގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން އެ ގްރޫޕުން ވަކިވެއްޖެ އެވެ.

ވީނިއުސްއަށް މައުލޫމާތު ދެމުން ހަބޭސް ބޮޑުބެރު ގްރޫޕުގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ ގުރޫޕްގެ ތެރޭގައި ދިމާވި ހިޔާލުތަފާތު ވުމެއްގައި ގްރޫޕުން ބަޔަކު ވަކަވެފައިވާ ކަމަށެވެ. އަދި ވަކިވެގެން ދިޔަ ބަޔަކު އަނބުރާ ނުގެންނާނެ ކަމަށްވެސް ބުންޏެވެ.

"ހަބޭސް އޮތީ ހަބޭސްގެ ގޮތުގައި. ހަބޭސް އަކީ ތޯތޯކޮށް ކިޔާ ނަމެއް ނޫން. ހަބޭސް އަކީ ބްރޭންޑެއް. ދިޔަ ބަޔަކު ދިޔައީ. އަލުން އަނބުރާ ނުގެންނާނަން،" އައްޔަ ބުންޏެވެ.

ހަބޭސް ބޮޑު ގްރޫޕުން ވަކިވި ބައެއް މެމްބަރުންގެ ތެރޭގައި އެ ގްރޫޕް ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް އުޅުނު ބައެއް މީހުންވެސް ހިމެނެ އެވެ. މީގެތެރޭގައި ހަބޭސްގެ ރަންއަޑުގެ ގޮތުގައި ގިނަ ބަޔަކު އިސް ލަވަކިޔުންތެރިޔާ ހަސަން މުސްހަފު (މުސީ)އާއި ބެރުޖެހުންތެރިޔާ އަދި ލަވަކިޔުންތެރިއާ މެހްފޫޒް އިބްރާހިމް (މެހޭ) އާއި ބެރުޖެހުންތެރިޔާ ޝަފްރާޒް އިބްރާހިމް (ސައްޕެ)ގެ އިތުރުން ބެކް ވޯކަލްސް އަހްމަދު ހަމީޒު (ގުންޑޯ) އަދި ލީޑް ބެރުޖެހުންތެރިޔާ އަދްލީ އަހްމަދު ވެސް ހިމެނެ އެވެ.

ހަބޭސްގެ ގިނަ އަދަދެއްގެ މެމްބަރުން ވަކިވެގެންދިޔަ ނަމަވެސް، އެ ގްރޫޕުން ވަނީ ގުރޫޕާއި އަލަށް ގުޅުނު މެމްބަރުންނާއެކު ޝޯއެއް ދީފަ އެވެ. އަދި އެ ގްރޫޕްގެ ދެ ޝޯއެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ގިނަ އަދަދެއްގެ މެމްބަރުން ވަކިވެގެންދިޔައިރު މިދިޔަ މަހުގެ ތެރޭގައި ހަބޭސް ގަރޫޕް ވަނީ މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްގެންދިޔަ "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޯ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން"ގައި ބައިވެރިވެފަ އެވެ.