ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ނޮވެމްބަރު މަހު އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސެވެ.

އެއްވަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ މިއީ އުރީދޫއިން އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވާ ދެވަނަ އަހަރު ކަމަށާއި ޗައިނާގައި ބޭއްވި ފޯރަމްގައި ވެސް އުރީދޫއިން ބައިވެރިވެފައިވާ ކަމަށެވެ.

އުރީދޫއަކީ ރާއްޖޭގައި ފަތުރުވެރިކަން ފިޔަވައި ޕްރައިވެޓް ސެކްޓާގައި ދެން އޮތް އެންމެ ވަރުގަދަ ފޮރިން އިންވެސްޓްމަންޓް ކަމަށް ނިޔާޒު ވިދާޅުވިއެވެ. ވޭތުވެދިޔަ 11 އަހަރުތެރޭ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އެކުންފުނިން އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް ފަދަ ފޯރަމްތަކުގައި ބައިވެރިވުމަކީ ރާއްޖެއަށާއި އެކުންފުންޏަށް ވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިހާރުވެސް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ފަދަ ސަރަހައްދުތައް ހަދާފައި ހުރިއިރު އެތަންތަނަށް އަންނަ އިންސްވެސްޓަރުން ވެސް ބޭނުންވާނެ އިންޓަނެޓް ފަދަ ޚިދުމަތްތައް އެތަންތަނުން ލިބުމަށް. އެހެންވީމަ އަޅުގަނޑުމެން ފޯރަމްގައި ބައިވެރިވެ ބައްދަލުވާ އިސްވެސްޓަރުންނަށް ކަށަވަރުކޮށްދޭނަން އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރަށްކަން" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ މަގުސަދަކީ ރާއްޖެއަށް އިންވެސްޓަރުން ހޯދުން ކަމަށާއި ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ރަގަޅު ކުންފުނިތައް އޮތްކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން މުވާސަލާތީ ދާއިރާގައި ރާއްޖެ އޮތީ ތައްޔާރަށް ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް އުރީދޫއިން އަރުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ތިންވަނަ ފޯރަމް މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައިި ހުންނަ ތާޖް ޕެލަސް ހޮޓެލްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 21 އިން 22 އަށެވެ.

އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބޭއްވުމަށް ނިންމީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އިސްވެެރިިންނާ މަޝްވަރާކުރެއްވުމަށްފަހު އެވެ. މިފޯރަމް އިންތިޒާމު ކުރުމުގެ ހަރަދުތައް ކުރާނީ އިންޑިއާ ސަރުކާރުންނެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސިންގަޕޫރުގައެވެ. ދެވަނަ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޗައިނާގެ ބެއިޖިންގައެވެ.