ރާއްޖޭގެ ހަތަރު ރަށެއްގައި ދަޅުގައި މަސް ބަންދު ކުރާ ކާރުހާނާތަކެއް ހެދުމަށް ސައޫދީ އަރަބިއްޔާ އިން އެހީވާން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ސައޫދީ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވިދާޅުވީ މަސްވެރިކަން ރަނގަޅު ހަތަރު ސަރަހައްދެއްގައި އަޅަން ނިންމީ އިކްރޯ ކޭނަރީ ފެކްޓްރީތަކެއް ކަމަށެވެ.

ނަމަވެސް ކާރުހާނާ އަޅަނީ ކޮންކޮން ރަށްތަކެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އިކްރޯ ކޭނަރީ ފެކްޓްރީތައް ގާއިމުކުރުމަކީ މަސްވެރިކަމަށް ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެ ކަމެއް ކަމަށެވެ. އެއީ މިހާރުވެސް މަސް ގަނެގެން ފެލިވަރަށް ގެންދިއުމަށް ވަރަށް ދުރަށް ދަތުރު ކުރަން ޖެހޭތީ ހަރަދުތަކެއް ހިނގާ ކަމަށް ވިދާޅުވި އެވެ.

"ކުދިކުދި ކާރުހާނާތަކެއް އަޅާނީ. މިހާރު އެއް ތަނެއްގައި ކާރުހާނާ ހަދައިގެން ހުރިހާ މަހެއް އެތަނަށް ގެންދަންވީމަ ހަރަދު ވަރަށް ބޮޑުވެގެން ދަނީ. ސައުދީ ސަރުކާރުން ވަނީ ހަތަރު މައިކްރޯ ކޭނަރީއެއް އެޅުމަށްޓަކައި އެހީދޭން އެއްބަސްވެފައި،" ޝައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މަސް ފެކްޓްރީތައް އެޅުމަކީ އެތަންތަން ބެލެއްހެއްޓުމުގައި ހަރަދުވެސް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އަދި ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ވަޒީފާ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ ރާއްޖޭގެ އިގްތިސޯދާއި މާލީ ހާލަތު ރަނގަޅު ކުރަން ދޭން ނިންމާފައިވާ ކަމަށް ދިވެހި ސަރުކާރުން ރޭ ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުގެ މަސް ކުންފުނި ވަކި ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަަވައި އެސްޓީއޯގެ ދަށަށް މިފްކޯ ވަނީ ބަދަލުކުރައްވާފަ އެވެ. އެގޮތަށް ބަދަލުކޮށްފައިވަނީ މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާ ސަރުކާރުން ދެއްކުމަށް ނިންމުމަށްފަހު އެވެ.