ސިންގަޕޫރުގެ ޕާކް ހޮޓެލް ގްރޫޕުން 65 މިލިއަން ޑޮލަރަށް ހަދަމުންދިޔަ ރިސޯޓެއް ގަނެ، އެ ބްރޭންޑުގެ ފުރަތަަމަ ރިސޯޓު ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޕާކް ގްރޫޕުގެ 30 ޕަސެންޓް ހިއްސާ އާއި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށް ވާ ޗިޕް އެންގް ސެންގް ކޯޕަރޭޝަން (ސީއީއެސް)ގެ 70 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ގަތީ ކޮށްދިއްޕަރު އިންވެސްޓްމަންޓުން ތަރައްގީ ކުރަމުން އަންނަ ކ. ކޮށްދިއްޕަރެވެ.

މިރަށް ގަތް ސިންގަޕޫރުގެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮށްދިއަޕްރުގައި އަޅަނީ 120 ވިލާ ކަމަށާއި އަދި އޭގެ ތެރޭގައި ބީޗު ވިލާގެ އިތުރުން މޫދު ކޮޓަރިތައް ވެސް ހިމެނޭނެ ކަމަށެވެ. ގާތް ގަނޑަކަށް 45 ޕަސެންޓް މަސައްކަތް ނިމިފައިވާ މިރަށަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ގާތްގަނޑަކަށް 15 މިނެޓް ތެރޭގައި ދެވޭނެ އެވެ.

ޕާކް ގްރޫޕުގެ ސީއީއޯ އެލެން ލޯ ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި ޓޫރިސްޓުން ގިނައިން އަންނަ ގައުމުތަކަށް އިތުރު ފްލައިޓުތައް އެޅުން ފަދަ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިންވަރެއްގައި ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގްރޭންޑް ޕާކް ކޮށްދިއްޕަރުގެ ނަމުގައި ހިންގަން ހަމަޖައްސާފައިވާ ރިސޯޓު އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވަން ވަނީ ނިންމާފަ އެވެ.

ސިންގަޕޫރުގެ ބިލިއަނަރު ލޯ ކާރު ޕޯގެ ޕާކް ގްރޫޕުން އޭޝިއާ ޕެސިފިކްގެ އަށް ގައުމެއްގައި 15 ޓޫރިސްޓް ހޮޓާ ހިންގަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި ހޮންކޮންގާއި ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

މި އަހަރު ގާތްގަނޑަކަށް 15 އާ ރިސޯޓު ހުޅުވާއިރު، އަންނަ އަހަރު އިތުރު 20 ރިސޯޓު ބާޒާރަށް ނެރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވަމުން އަންނައިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.

އާ ރިސޯޓުތައް ހުޅުވުނަސް މިއަހަރު އަންނާނެ ކަމަށް ކުރިން ލަފާ ކުރި 1.5 މިލިއަން ޓޫރިސްޓުން މިއަހަރު ރާއްޖެއަށް ނާންނާނެ ކަމަށް ސަރުކާރުން މިހާރު ވަނީ ބުނެފަ އެވެ.