މިދިޔަ އޯގަސްޓް މަސް ނިމިގެން ދިޔައިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 532.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ އޯގަސްޓް މަހުގެ އިގްތިސޯދީ ރިވިއުގެ ތަފާސްހިސާބު ތަކުގައިވާ ގޮތުން މިއީ މިދިޔަ ޖުލައި މަހާ އަޅާބަލާއިރު 79.3 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.

މިދިޔަ އޯގަސްޓް މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 186.1 މިލިއަން އެމެރިކާ ޑޮލަރެވެ. ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދަކީ އަހަރުން އަހަރަށް ބަލާއިރު 15 އިންސައްތަ ދަށް އަދަދެކެވެ. އަދި މަހުން މަހަށް ބަލާއިރު ވެސް މިއީ 10 އިންސައްތަ ދަށް އަދަދެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން ބުނީ ރަސްމީ ރިޒާވުގެ މިންވަރު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ބެރު ފައިސާ ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދާ ދިނުމަށްޓަކައި އެމްއެމްއޭއިން ވިޔަފާރި ބޭންކްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކާފައިވާ އަދަދު މިމުއްދަތުގެ ތެރޭގައި އިތުރުވުމުން ކަމަށެވެ.

އިގުތިސޯދީ ރިވިއުގައިވާ ގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ރާއްޖެއިން އާންމު ގޮތެއްގައި ބޭނުންކުރާ ބޭރު ފައިސާގެ ތެރެއިން އަހަރުން އަހަރަށް ބަލާއިރު އިންޑިއަން ރުޕީ، ސްރީލަންކަން ރުޕީ، ޕައުންޑް، ޔޫރޯ އަދި ޗައިނީޒް ޔުއާން އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި ސިންގަޕޫރު ޑޮލަރާއި އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.

މަހުން މަހަށް ބަލާ ނަމަ ޕައުންޑް، އިންޑިއަން ރުޕީ، ސިންގަޕޫރު ޑޮލަރު އަދި ޗައިނީޒް ޔުއާން ބަލާއިރު ވެސް ދިވެހި ރުފިޔާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް މިމުއްްދަތުގެ ތެރޭގައި ސިންގަޕޫރު ޑޮލަރާއި އަޅާބަލާެއިރު ދިވެހި ރުފިޔާގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.