ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ކްރެޑިޓް ކާޑަކުން ބޭނުން ކުރުމަށްފަހު ނުދައްކާ ހުރި ފައިސާ ދައްކަން މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ބީއެމްއެލްގެ ވިސާ ކްރެޑިޓް ކާޑުން ބޭނުން ކުރުމަށްފަހު ފައިސާ ނުދައްކާ ކަމަށް ޔޫއްޕެ ކޯޓުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭންކުން ކުރަން ޖެހުނު ހަރަދާއި ޖޫރިމަނާއާ އެކު އެފައިސާ ދައްކާނެ ކަމަށް ޔޫއްޕެ ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އަދި ޖޫރިމަނާއަށްވާ ފައިސާ އާއެކެ ޖުމްލަ 699 ޑޮލަރު ނުވަތަ 10778 ރުފިޔާ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ބީއެމްއެލް އަށް ދައްކައި ހަލާސް ކުރުމަށްވެސް ކޯޓުން ވަނީ ޔޫއްޕެގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ސިވިލް ކޯޓުން ޔޫއްޕެެގެ މައްޗަށް ހުކުމް ކުރީ ބީއެމްއެލްއިން ނަގާފައިވާ ވިސާ ކްރެޑިޓް ކާޑަކުން ބޭނުންކުރުމަށް ފަހު އެ ފައިސާ ނުދައްކައިގެން ބޭންކުން ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

މި ހުކުމާ ގުޅިގެން ބައެއް މީޑިއާ ތަކުގައި ޔޫއްޕެ ބުނީ ކްރެޑިޓް ކާޑަކުން ބޭނުން ކުރި ކަމަށާއި އެހެންނަމަވެސް ހުކުމް އިއްވުމުގެ ކުރިން އެ އަދަދަށް ފައިސާ ދައްކާފައިވާނެ ކަމަށެވެ.