ސްރީލަންކާއާއި ރާއްޖެއާއި ދެމެދު ވިޔަފާރިކުރުމަށް ހުރި ފުރުސަތު އަންގައިދިނުމަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

ސްރީލަންކާގެ ގައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާ، ނެޝަނަލް ޗެމްބާ އޮފް ސްރީލަންކާއިން އިންތިޒާމުކުރާ މި ފޯރަމް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.

ލަންކާގެ ގައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނީ މިފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ ދިވެހިރާއްޖެއާއި ލަންކާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީއާއި ރާއްޖެއަކީ ވިޔަފާރީގެ ދާއިރާގައި ލަންކާގެ މުހިއްމު ބައިވެރިއަކަށް ވާތީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ލަންކާގެ ވިޔަފާރިވެރިންނަށް އިތުރު ސާފުކޮށްދިނުން ކަމަށެވެ.

މިފޯރަމްގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނާ ޒާހިޔާ ޒަރީރުއާއި ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެން ލަންކާގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ފޯރަމްގައި ލަންކާގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އެންމެ އިސްވެރިންގެ އިތުރުން ލަންކާއިން އެހެން ގައުމުތަކަށް ތަކެތި އެކްސްޕޯޓް ކުރުމުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ލަންކާގައި ހަރަކާތްތެރިވާ ވިޔަފާރީގެ ބައެއް ޖަމިއްޔާތަކާއި ބައްދަލުކޮށް ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދިވެހި ހައިކޮމިޝަނުން މީގެކުރިން ވެސް ލަންކާގެ ވިޔަފާރިވެރިންނަށް އޮޅުން ފިލުވައިދީފައިވެ އެވެ.