މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ މަސައްކަތް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން އަބޫދާބީގެ އަލްހުދާ ސެންޓަރ އޮފް އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސްއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޫކައި ސުއިޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރު އިބްރާހިމް ދީދީއެވެ. އަލްހުދާ ސެންޓަރ އޮފް އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރު މުގާލްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ ވިދާޅުވީ ދެއަހަރު ދުވަހުގެ މުއްދަތަށް ހެދި މިއެއްބަސްވުމުގެ ދަށުން އަލްހުދާއާއި ގުޅިގެން ކުރަން ގަސްތުކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތަމްރީނުތައް ދިނުމުގެ އިތުރަށް މައިކްރޯ ފައިނޭންސްގެ ދާއިރާއާއި ތަކާފުލްގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހިއްސާކުރުން ހިމެނޭ ކަމަށެވެ.

އިބްރާހިމް ދީދީ ވިދާޅުވީ ރާއްޖޭގެ ތަކާފުލްގެ ދާއިރާއަަކީ މިހާރު ކުރިއަރަމުން އަންނަ ދާއިރާއެއް ކަމަށާއި ނަމަވެސް ރާއްޖޭގައި އިންޝުއަރެންސްގެ ދާއިރާއިން ތަމްރީނުވެފައި ތިބި މީހުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އެގޮތުން ރާއްޖޭގައި ޕްރޮފެޝަނަލް އިންޝުއަރާއިންގެ ގޮތުގައި ތިބީ ދެތިން މީހުން ކަމަށާއި އެއީ މުޅި ސިނާއަތަށް ބަލާއިރު އެކަށީގެން ވާ އަދަދެއް ނޫން ކަމަށެވެ.

މުޅި ދުނިޔެއަށް ބަލާއިރު އިންޝުއަރެންސްގެ ދާއިރާއިން ތަމްރީނު ލިބިފައި ތިބި އެންމެ ގިނަ މީހުން ތިބީ ޕާކިސްތާނުގައި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އަލްހުދާއާއި އެކު މިވެވުނު އެއްބަސްވުމުގެ ދަށުން ޕާކިސްތާނުގައި ހުރި މިފަދަ ވަސީލަތްތައް ދިވެހިރާއްޖޭގައި ބޭނުންކުރެވޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.

އިބްރާހިމް ދީދީ އިތުރަށް ވިދާޅުވީ ރާއްޖެއާއި ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކާ އެކު ތަފާތު އެއްބަސްވުންތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސޮއިކުރެވޭނެ ކަމަށެވެ. އަދި މީގެ މަގުސަދަކީ އެފަރާތްތަކާ ގުޅުން ބަދަހިކޮށް އެފަރާތްތަކުގައި ހުރި ވަސީލަތްތައް ހިއްސާކުރެވޭނެ ގޮތްތަކެއް ހެދުން ކަމަށެވެ.

އަލްހުދާ ސެންޓަރ ފޯ އިސްލާމިކް ބޭންކިން އެންޑް އިކޮނޮމިކްސް އަކީ މިދާއިރާގައި ނަންހިނގާ އަދި ބައިނަލްއަގުވަމީ ގިނަ އެވޯޑްތަކެއްވެސް ލިބިފައިވާ ފަރާތެެކެވެ.