ދުނިޔޭގައި އެންމެ މަޝްހޫރޫ ގަހަނާ ބްރޭންޑް ތަކުގެ ތެރޭގައި ހިމެނޭ "ސްވަރޯވްސްކީ"ގެ ފިހާރާއެއް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހުޅުވައިފި އެވެ.

އެއާޕޯޓްގައި މިއަދު މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މި ފިހާރަ ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

މިފިހާރައާއި އެކު އެއާޕޯޓުގެ ބޯޑިން ގޭޓު އެކެއް، ދޭއް އަދި ތިނެއް ހުުންނަ ސަރަހައްދުގައި ހަދާފައިވާ ޑިއުޓީ ފްރީ ފިހާރައެއް ވެސް އާދިލް ވަނީ ހުޅުވައިދެއްވައިފަ އެވެ.

އާދިލް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ތެރެއިން އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށް ނިމުމާއެކު ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ އިތުރު ޑިއުޓީ ފްރީ ފިހާރަތައް ވެސް އެއާޕޯޓުގައި ހުޅުވިގެންދާނެ ކަމަށެވެ.

އޮސްޓްރިއާގެ ރައްޔިތެއް ކަމަށް ޑެނިއަލް ސްވަރޯވްސްކީގެ ނަމަށް ނިސްބަތްވާ ސްވަރޯވްސްކީގެ ފިހާރަތައް ދުނިޔޭގެ 170 އަށް ވުރެ ގިނަ ގައުމުގައި ހިންގަމުންދާއިރު މިބްރޭންޑްގެ ގަހަނާގެ އިތުރުން މިބްރޭންޑްގެ އަތުކުރި ގަޑި ފަދަ ތަކެތި ވެސް ހުރެ އެވެ.

އާދިލް ވިދާޅުވީ އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ޕެެސެންޖަރުންނަށް ވީހާވެސް ފަސޭހަކޮށް ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް އަބަދުވެސް އެއާޕޯޓް ތަރައްގީކުރަމުން ގެންދިއުމަށް ކަމަށެވެ. އެގޮތުން އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލްގެ އިތުރުން އެއާޕޯޓުގެ ގުރައުންޑް ފްލޯގެ ބޮޑު ބަޔަކަށް މިހާރު ހިލޭ ވައިފައި ލިބޭނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.