އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް 150 މިލިޔަން ޑޮލަރުގެ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.

އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ހިނގަމުންދާ ގޮތް ނޫސްވެރިންނަށް މިއަދު ދައްކާލުމުގެ ތެރޭގައި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަންޑިން އެޖެންސީތަކާ ސަރުކާރުން ވާހަކަ ދައްކަމުންދާ ކަމަށެވެ.

އާދިލް ވިދާޅުވީ 150 މިލިއަން ޑޮލަރުގެ ފައިސާ މިހާރު ޖަމާވެފައިވާ ކަމަށާއި އޭގެ ތެރެއިން 50 މިލިޔަން ޑޮލަރަކީ ކުވައިތުން ރާއްޖެއަށް ދިން ލޯނެއް ކަމަށެވެ. އަދި 100 މިލިއަން ޑޮލަރަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދިން ލޯނެއް ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން ހުރި ފައިސާ ވެސް ހޯދޭނެ ގޮތަކާ މެދު ސަރުކާރުން މިހާރުވެސް ދަނީ ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުން ކަމަށާއި، މައުލޫމާތު ލިބޭ ގޮތުގައި ވަރަށް އަވަހަށް ބަޔަކާ އެކު ސޮއިކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއް ނޫނީ ދެ މަހެއްހާ ދުވަސް ތެރޭގައި ފަންޑިން އެޖެންސީ އާއެކު ސޮއި ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރުވެސް މަސައްކަތް ފެށުމަށް އެއްވެސް ދައްޗެއް ނެތް ވަރަށް ފައިސާ ވަނީ ލިބިފައި. އަދި ފައިސާގެ ކަމަކާ ހެދި މަސައްކަތް ހުއްޓިފައެއް ނޯންނާނެ. އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިމުމާ އެކު މަސައްކަތް ފެށޭނެ،" އާދިލް ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް އެޅުމަށް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާ އެވެ.

އައިއެންއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު މިއަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހުގެ ރޭ އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.

އައިއެންއައިއޭ ތަަރައްގީކުރަން އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރު، ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު، ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޮފިޑް)ން ވެސް 50 މިލިއަން ޑޮލަރުގެ ލޯން ވަނީ ދޫކޮށްފަ އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި، އޭޕްރޮން އާއި، ފިއުލް ފާމް އަކާއި، ކާގޯ ޓާމިނަލްއެއް ތަރައްގީކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. މިމަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މި ޕްރޮޖެކްޓަށް ޖުމްލަ 800 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ފުރަތަމަ ފިޔަވަހީގައި ކުރާ އެންމެ މުހިއްމު މަސައްކަތަކީ އާ ރަންވޭއެއް ހެދުމެވެ. އަލަށް ހަދާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެ އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހިވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖައްސާފައިވާއިރު މުޅި މަޝްރޫއު 2018 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގަ އެވެ.

އެއާޕޯޓް ތަރައްގީ ކުރަނީ ކުރިއަށް އޮތް 50 އަހަރަށް ހިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.