ތައިލެންޑްގެ ކޮމާސް މިނިސްޓަރާއި އެކު އެގައުމުގެ ވިޔަފާރިވެރިންގެ ވަފްދެއް މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ބޭފުޅުން ރާއްޖެ ވަޑައިގަންނަވަނީ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ދެމެދުގައި 2013 ވަނަ ސޮއިކޮށްފައިވާ ގުޅިފައިވާ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުމަށެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 12 އިން 13 އަށް ދަރުބާރުގޭގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މި ބައްދަލުވުމަށް ރާއްޖެ ވަޑައިގަންނަވާ ވަފްދުގައި ތައިލެންޑްގެ ކޮމާސް މިނިސްޓަރު އަޕިރާދި ޓަންޓްރަޕޯންގެ އިތުރަށް އެގައުމުގެ 30 ވިޔަފާރިވެރިޔަކު ހިމެނޭ ހިމެނޭ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރު ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ އާއި ތައިލެންްޑާއި ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ތައިލެންޑަށް ޒިޔާރަތް ކުރައްވާ އެ ގައުމުގެ ކޮމާސް މިނިސްޓަރާއި އަދި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައި ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ތައިލެންޑުގެ ވަފްދުގެ ބޭފުޅުންނާ ދިވެހި ވިޔަފާރިވެރިންނާ ވެސް ދަރުބާރުގެއިން ބައްދަލުވެ މަޝްވަރާކުރެވޭނެ ކަމަށާ އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެެވެ.

"މި ވިޔަފާރި ތަކުގެ ތެރޭގައި، ފަރުނީޗަރު، ގަހަނާ، ފުޑް އެންޑް ބެވަރޭޖް، ސްޕާ ޕްރޮޑަކްްޓްސް، ހޮޓެލް ސަޕްލައިޒް އަދި މިނޫންވެސް ގިނަ ދާއިރާތަކެއް ހިމެނޭނެ،" އިކޮނޮމިކް މިނިސްޓްރީގެ =ބަޔާނުގައިވެ އެވެ.

ރާއްޖެ ވަޑާއިގަންނަވާ ތައިލެންޑުގެ ކުންފުނިތަކުގެ ނަންތައް އަދި އެ ފަރާތްތަކުން ކުރާ ވިޔަފާރީގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް ބުނެ އެވެ. އެހެންކަމުން ދިވެހި ވިޔަފާރި ތަކުން އަދި އާންމުންގެ ފަރާތްތަކުންވެސް މި ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ބޭނުންވާނަމަ މި މހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 14:30 އިން 17:00 އަށް ދަރުބާރުގޭގެ ދޮށިމޭނާ މާލަމް އަށް ޒިޔާރަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ދައުވަތު ދީފަ އެވެ.