ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިއުޒީޝަން އަދި މަޝްހޫރޫ ޒީރޯ ޑިގްރީ ބޭންޑުގެ ފައުންޑާ އަހްމަދު ނާޝިދު (ފުލޫ ނާޝިދު) މިއަދު ނިޔާވެއްޖެ އެވެ.

ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ އެތައް ދުވަހެއް ވެފައިވާ ނާޝިދު މިއަދު ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ނާޝިދު ނިޔާވިއިރު އޭނާގެ އުމުރަކީ 53 އަހަރެވެ.

ނާޝިދަށް ކެންސަރު ޖެހުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އޭގެ ފަހުން ފަރުވާ ހޯއްދެވުމަށް ގިނަ ދުވަސްތަކަކު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ނާޝިދު ރާއްޖެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ތެރޭގަ އެވެެ.

ދިވެހި މިއުޒީޝަނުން މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި "އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯއަކީ އޭނާ އެންމެ ފަހުން އާންމުންނަށް ފެނުނު ރެ އެވެ. އެ ޝޯ ބައްލަވާލެއްވުމަށް ނާޝިދު އޮލިމްޕަހަށް ވަޑައިގެންނެވި ނަމަވެސް ބަލިހާލަތު ހުރި ގޮތުން އެރޭ އޭނާ އެތަނުގައި އިންނެވީ ކުޑަ ވަގުތުކޮޅަކު އެވެ.

ނާޝިދުއަށް ކެންސަރު ޖެހުނުއިރު އޭނާ ގެންދެވީ "ޖާނީ"ގެ ނަމުގައި އަލްބަމެއްގެ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ބަލިހާލަތު ހުރި ގޮތުން އެމަސައްކަތް މުޅިން ނިންމާނުލެވުނު ނަމަވެސް އެ އަލްބަމްގެ ގިނަ މަސައްކަތްތަކެއް ވަނީ ނިން،މަވާފަ އެވެ. ނާޝިދުގެ މިއަލްބަމް ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް އޭނާގެ ކުދިން ވަނީ ބުނެފަ އެވެ.