ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީގެ ބައްޕަ ސުރެންދުރަ ޝެޓީ މަރުވެއްޖެ އެވެ.

ސުރެންދުރަ ޝެޓީ މަރުވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެންނެވެ. މަރުވި އިރު އުމުރަކީ 74 އަހަރެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސުރެންދުރަ އަކީ ސިއްހަތަށް ހާއްސަ ފަރުވާތެރި ކަމެއް ދީގެން އުޅުނު މީހެކެވެ. ކަސްރަތު ކުރުމަކީ ގަވާއިދުން ކުރާ ކަމެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެންމެ ފަހުން ޝެޓީ ސްކްރީނުން ފެނިފައިވަނީ މިދިޔަ އަހަރު ގެނެސްދިން ޖަލަކް ރީލޯޑެޑް ކިޔާ ޓީވީ ޝޯއަކުންނެވެ. އަދި މިޝޯއިން ޝެޓީ ފެނިފައިވަނީ އޭނާގެ އަންހެނުން ސުނަންދާ އަދި ދަރިފުޅު ޝިލްޕާ އާއި އެކީގަ އެވެ. މި ޝޯއަށް އޭނާ ދިޔައީ މި ޝޯގައި ޕާފޯމް ކުރި އޭނާގެ ދަރިފުޅު އުފާކޮށްލަން ވެގެންނެވެ.

އޭނާގެ ޖަނާޒާގެ ކަންކަން ކުރަން ހަމަޖެހިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ހަބަރު ލިބެ އެވެ.