ޕާކިސްތާނުގެ ފިލްމީ ތަރިން ހިމެނޭ ފިލްމުތައް އިންޑިއާގެ ސިނަމާތަކުގައި އެޅުވުން، އިންޑިއާގެ ފިލްމް ސިނަމާތަކެއް ހިމެނޭ ގްރޫޕަކުން މަނާކޮށްފިއެވެ.

މިއީ، ކަޝްމީރުގައި ހުރި އިންޑިއާ ސިފައިންގެ ބޭހަކަށް ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 19 މީހުން މަރާލި ހާދިސާއާ ދެކޮޅު ހެދުމުގެގޮތުން އެޅި ފިޔަވަޅެކެވެ.

އިންޑިއާގެ "ސިނަމާ އޯނަރސް އެންޑް އެގްޒިބިޓަރސް އެސޯސިއޭޝަން (ސީއޯއީއޭ)" ގެ ޗެއަރމަން ނިޓިން ދަތަރު ބުނީ، ޕާކިސްތާނުގެ ފިލްމީ ތަރިއެއް ވިޔަސް، މިއުޒިކް ޑިރެކްޓަރެއް ވިޔަސް އަދި ފިލްމު ޑިރެކްޓަރެއް ވިޔަސް އެމީހުން ނިސްބަތްވާ ފިލްމުތައް ދެން ސިނަމާތަކުގައި ނާޅުވާނޭ ކަމަށެވެ.

"ސިނަމާ އޯނަރސް އެންޑް އެގްޒިބިޓަރސް އެސޯސިއޭޝަން" ނިސްބަތްވަނީ އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ މަހާރަޝްޓްރާ، ގުޖްރާތު، ގޯއާ އަދި ކަރްނާޓަކާ، މި ހަތަރު ސްޓޭޓަށެވެ.

މުމްބާއީގެ ފިލްމް ވިޔަފާރިއާބެހޭ ތަޖުރިބާކާރެއް ކަމަށްވާ އަކްޝަޔޭ ރާތީ ބުނެފައިވަނީ "ސީއޯއީއޭ" ގެ ނިންމުމުގެ ސަބަބުން 300 އާއި 350 އާއި ދެމެދުގެ ސިނަމާތަކަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

އިންޑިއާގެ 4 ސްޓޭޓަށް ނިސްބަތްވާ ސިނަމާތައް ހިމެނޭ ގްރޫޕުން ޕާކިސްތާނު ފިލްމީ ތަރިން ހިމެނޭ ފިލްމުތައް ދެއްކުން މަނާކުރިއިރު، ޕާކިސްތާނުގެ ލަވަކިއުންތެރިޔަކު ހިމަނައިގެން ކުޅެނިމި މިހާރު ނެރުމަށް ތައްޔާރުވަމުންދާ ހިންދީ ލޯބީގެ ފިލްމް "އޭ ދިލް ހޭ މުޝްކިލް" އިން ޕާކިސްތާނުގެ ލަވަކިއުންތެރިޔާ ހިމެނޭ ބައިތައް އުނިކުރުމަށް ހިންދޫ ހަރުކަށި ޖަމާއަތްތަކުން މިހާރުވެސް ގެންދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކޮށްފައިވާ މިފިލްމުގެ ތަރިންނަކީ ކުރީގެ މިސް ވޯރލްޑް އައިޝްވާރިޔާ ރާއީ ބައްޗަންއާއި، ރަންބީރު ކަޕޫރެވެ. އޭގައި ހިމެނޭ ޕާކިސްތާނުގެ ލަވަކިއުންތެރިޔަކީ ފަވާދު ޚާންއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އިންޑިއާ ސިފައިންގެ ބޭހަށް ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވާފައިވަނީ ޕާކިސްތާނުގެ ބޮލުގައެވެ.

މިހަމަލާއާ ގުޅިގެން ބޮލީވުޑުން ޕާކިސްތާނު މީހުން މުޅިން ބޭރުކުރުމަށާއި، ޕާކިސްތާނުގެ ތަރިންނަށް ފުރުސަތު ނުދިނުމަށް މުސްލިމުން ދެކެ އަބަދުވެސް ރުޅިއަންނަ އިންޑިއާގެ ހިންދޫ ހަރުކަށި ޖަމާއަތެއް ކަމަށްވާ "މަހާރަޝްޓްރަ ނަވްނިރްމަން ސެނާ" އިން ވަނީ ގޮވާލާފައެވެ. މިމަހުގެ 28 ގައި "އޭ ދިލް ހޭ މުޝްކިލް" ނެރުމަށް ހުރަސް އަޅާނޭ ކަމުގެ އިންޒާރުވެސް އެ ޖަމާއަތުން ދީފައި ވެއެވެ.

ދެގައުމުގެ ގުޅުން ރަނގަޅުވަންދެން ޕާކިސްތާނުގެ ފިލްމީ ދާއިރާގެ މީހުން ބޮލީވުޑްގައި މަސައްކަތް ކުރުން މަނާކުރުމަށް، އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ ޖަމްއިއްޔާ "އިންޑިއަން މޯޝަން ޕިކްޗަރ ޕްރޮޑިއުސަރސް އެސޯސިއޭޝަން" އިންވެސް މިދިޔަ މަހުވަނީ ގަރާރެއް ފާސްކޮށްފައެވެ.

ހިންދީ ފިލްމީ ދުނިޔޭގައި ހިމެނޭ އިންޑިއާގެ މުސްލިމު ތަރިންނަށްވެސް ހަރުކަށި ހިންދޫންގެ ރުޅިވެރިކަން އަމާޒަުވެފައި ވެއެވެ.