ބެލުންތެރިން އެ ފިލްމެއްގެ ދިގު އިންތިޒާރެއް ކުރަމުން އަންނަ ފިލްމު 4426ގެ ޕްރިމިއާ ޝޯއަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ފިލްމުގެ އެއް ޑައިރެކްޓަރު ފާތުމަތު ނަހްލާ ބުނެފި އެވެ.

ވީނިއުސްއަށް މިއަދު މައުލޫމާތު ދެމުން ނަހުލާ ބުނީ ފިލްމު ޕްރިމިއާ ކުރަން ތައްޔާރުވާއިރު ފިލްމުގެ ހުރިހާ މަސއްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ޓެކްނިކަލް ގޮތުންވެސް ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑުމެން މިތިބީ ހުރިހާ ގޮތަކުންވެސް ތައްޔާރަށް. އެހެންނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާނުވާނެޔެކޭ ނުބުނާން،" އޭނާ ބުންޏެވެ.

ނަހްލާ ބުނީ 4426 ޕްރިމިއާ ކުރުމުގެ ކުރިން ޓިކެޓް ވިއްކުމަށް އަމާޒު ކޮށްފައިވާ އަދަަދަށް ޝޯތަކުގެ ޓިކެޓް ވިކިފައިވާ ކަމަށެވެ. މިހާތަނަށް ސްކްރީނަށް އައި ހުރިހާ ފިލްމް ތަކަކަށްވެސް ޓާގެޓް ކުރީ އެ ފިލްމެއް ޕްރިމިއާ ކުރުމުގެ ކުރިން 13 ޝޯގެ ޓިކެޓް ހައުސް ފުލްކޮށް ވިއްކާލުމަށް ކަމަށާއި ފިލްމު 4426 އަށް މިހާތަނަށް 11 ޝޯއެއްގެ ޓިކެޓް ހައުސް ފުލް ކޮށް ވިކިފައިވާ ކަމަށްވެސް ބުންޏެވެ. އަދި މިހާރު ވިކެމުންދަނީ 12 ވަނަ ޝޯގެ ޓިކެޓްތައް ކަން ފާހަަގަކޮށް ނަހްލާ ބުނީ ޕްރިމިއާ ޝޯއަށް ދާންވާއިރަށް 14 ވަނަ ޝޯގެ ޓިކެޓް ވިކޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ނަހްލާ ބުނީ ފިލްމު ޕްރިމިއާ ކުރާ ރޭ މޫސުން ރީތި ނަމަ ރެޑް ކާޕެޓް ހަފްލާއެއް އޮންނާނެ ކަމަށެވެ. އަދި އެރެއަށް އިތުރު ކަންތައްތަކެއް ވެސް ރާވާފައިވާ ކަމަށާއި ނަމަވެސް އެއީ ސަޕްރައިޒެއް ކަަމަށްވެސް ނަހްލާ ބުންޏެވެ.

"ހިނގާ އެކަންކަން ސަޕްރައިޒަކަށް ދޫކޮށްލަން. ހަަމަގައިމުވެސް ކަންތައްތަކެއް ފެންނާނެ،" ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ނަހުލާ ބުންޏެވެ.

ނަހުލާގެ ފުރަތަމަ ބިރުވެރި ފިލްމް 4426 ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އޮލިމްޕަހާއި ޝްވެކް ސިނަމާގަ އެވެ. ނަމަވެސް ފިލްމް ޕްރިމިއާ ކުރުމަށް ބާއްވާ ހަފްލާ ބާއްވަން ހަމަޖައްސާފައިވަނީ ހަމައެކަނި އޮލިމްޕަހުގަ އެވެ. މި ފިލްމުގެ ޕްރިމިއާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަންނަ އަންގާރަ ދުވަހުގެ ރެ އެވެ.

ހަގީގީ ހާދިސާ އަކަށް ބިނާކޮށް ތައްޔާރު ކުރާ 4426ގައި ނަހުލާގެ އިތުރުން އަހްމަދު ޝިނާން ވެސް ޑައިރެކްޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަހުލާ ބުނެފައިވަނީ އެއީ އޭނާގެ ފިލްމު ކެރިއަރުގައި ކުރާ އެންމެ ބުރަ މަސައްކަތް ކަމަށެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކުރެވޭ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، އިބްރާހިމް ޖިހާދު (ޖިމީ)، އަހްމަދު ސައީދު އަދި މުހައްމަދު ފައިސަލްގެ އިތުރުން އަލީ ފާރޫގު މި ފިލްމްގެ މުހިއްމު ރޯލްތަކުން ފެނިގެންދެ އެވެ. މީގެ އިތުރުން މަރިޔަމް އައްޒަ، އަހްމަދު ޖުމައިހް އަދި މުހައްމަދު ޖުމައްޔިލް ނިމާލްގެ ހުނަރުތައްވެސް މި ފިލްމުން ފެނިގެންދެ އެވެ.

މި ފިލްމް ނަގާފައިވަނީ ފިލްމަށް ހާއްސަކޮށްގެން ހަދާފައިވާ ސެޓެއްގަ އާއި މާލެއާއި އިތުރު ދެ ރަށެއްގަ އެެވެ.