ބެލުންތެރިން އެ ފިލްމެއް ބެލުމަށް ކެތްމަދުވެފައިވާ ބިރުވެރި ފިލްމް 4426 ރިސޯޓްތަކާއި އަތޮޅުތަކުގައި އަޅުވާނީ މާލޭގައި ހައުސްފުލް 15 ޝޯ ދެއްކުމަށްފަހުގައި ކަމަށް ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހްލާ ބުނެފި އެވެ.
ފިލްމް 4426 ރިސޯޓު ތަކުގައި އަޅުވަން ހާއްސަ އިސްކަމެއް ދޭނެ ކަަމަށް ނަހްލާ މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އެކަމާ ގުޅިގެން ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ނަހްލާ މިއަދު ބުނީ މާލޭގައި ހައުސްފުލް 15 ޝޯ އެޅުމަށްފަހު އަތޮޅުތެރޭގައި އާއި ރިސޯޓު ތަކުގައި ފިލްމު އެޅުވުން ލަސްނުކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.
ނަހްލާ ބުނީ ރިސޯޓުތަކުންނާއި އަތޮޅުތަކުން ފިލްމަށް ވަރަށް ބޮޑު ތަރްހީބެއް ލިބެމުންދާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ފިލްމް އަޅުވަން ބޭނުންވާ ފަރާތްތަކުން ނަހްލާ އާއި ގުޅާލުމުން އެކަން ހަަމަޖެހޭނެ ކަމަށާއި އަތޮޅު ތަކުން ގުޅަމުންދާ ކަމަށްވެސް ބުންޏެވެ.
އަތޮޅުތަކުގައި 4426 އެޅުވުމަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ނަހްލާ މިހާރު ވަނީ ކޮންމެ އަތޮޅަކަށް ހާއްސަ އެޖެންޓެއް ވެސް ހަމަަޖައްސާފަ އެވެ.
"ހަގީގަތުގައި އޮލިމްޕަހު ގައި 15 ޝޯ ހައުސްފުލްކޮށް ދައްކާފަ ނޫނީ ޝްވެކްގައިވެސް ފިލްމް އަޅުވަން ކުރިން ހިޔާލެއް ނެތް. އެކަމަކު ނޮވެމްބަރު ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ޝްވެކްގައި ވެސް އަޅުވާނަން. އެގޮތަށް ހަމަަޖެއްސީ ހުރިހާ ބެލުންތެރިންނަށްވެސް ފުރުސަތު ދޭން. އެހެންވީމަ މާލޭގެ 15 ޝޯ ދައްކާފައި ދެން ލަސްނުކޮށް އަތޮޅުތެރެއާއި ރިސޯޓުތަކަށް ފިލްމް ގެންދާނަން" ނަހްލާ ބުންޏެވެ.