ފާތުމަތު ނަހްލާގެ ފުރަތަމަ ބިރުވެރި ފިލްމް 4426 ޕްރިމިއާ ކޮށްފި އެވެ.

އޮލިމްޕަހުގައި ރޭ ބޭއްވި ކުލަގަދަ ހަފްލާއަކަށްފަހު ފިލްމް ޕްރިމިއާ ކޮށްދެއްވީ ފިލްމީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ވަޒީރު މުސްތަފާ ހުސައިން އެވެ. މިހަފްލާގައި ފިލްމުގެ ކާސްޓުންގެ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

މިފިލްމު ބެލުމަށްފަހު ބައެއް މީހުން ބުނީ 4426 އަކީ ބުރަ މަސައްކަތްތަކެއް ކޮށްގެން އުފައްދާފައިވާ މޮޅު ފިލްމެއް ކަމަށެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިފިލްމް ބެލުމަށްފަހު ގެއަށް އެކަނިދާންވެސް ޖެހިލުންވި ކަމަށެވެ.

"މީހަމަ ހަގީގަތުގައިވެސް ދިވެހި ފިލްމް އިންޑާސްޓްރީގައި ފާހަގަ ކޮށްލެވޭ ވަރުގެ މޮޅު ފިލްމެއް. ބިރުގަނެއްޖެ އަސްލުވެސް،" 4426 ބެލި މީހަކު ބުނެފައިވެ އެވެ.

ބެލުންތެރިން ބުނަނީ 4426 އަކީ ކޮބައިކަން މިހާރު އެނގިއްޖެ ކަމަށެވެ. ހަމަ ޔަގީނުންވެސް ނަހްލާ އެންމެނަށް ސިއްރު ކުރަން ބޭނުންވި ބޮޑު ސިއްރު ފަޅާ އަރައިފި އެވެ.

މިފިލްމުގެ މުހިއްމު ރޯލުތަކުން މަރިޔަމް އައްޒަ (އައްޒަ) އާއި ޝީލާ ނަޖީބާއި، ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ޖުމައްޔިލް ނިމާލާއި މުހައްމަދު ޖުމައިހު ވެސް ފެނިގެންދެ އެވެ. މީގެއިތުރުން މި ފިލްމުގައި މުހައްމަދު ފައިސަލް އަދި ޖިމީ ހުނަރު ވަރަށް ބޮޑަށް ފެނިގެންދެ އެވެ.

މިފިލްމް އަތޮޅުތަކާއި ރިސޯޓްތަކުގައި ދެއްކުމަށް ހަމަޖައްސާފައިވަނީ މާލޭގައި ހައުސްފުލް 15 ޝޯ އެޅުވުމަށްފަހު ކަމަށް ނަހްލާ ކުރިން ބުނެފައިވެ އެވެ.

ހަގީގީ ހާދިސާ އަކަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ 4426 ގައި ނަހުލާގެ އިތުރުން އަހްމަދު ޝިނާން ވެސް ޑައިރެކްޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަހުލާ ބުނެފައިވަނީ މިއީ އޭނާގެ ފިލްމު ކެރިއަރުގައި ކޮށްފައިވާ އެންމެ ބުރަ މަސައްކަތް ކަމަށެވެ.

މި ފިލްމް ނަގާފައިވަނީ ފިލްމަށް ހާއްސަކޮށްގެން ހަދާފައިވާ ސެޓެއްގަ އާއި މާލެއާއި އިތުރު ދެ ރަށެއްގަ އެެވެ.