އިންޑޮނޭޝިއާގެ ބާލީގައި ބާއްވާ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ މި އަހަރުގެ ސޯންގް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ލައިޝާ ޖުނައިދަށް ލިބިއްޖެ އެވެ.

އޭބީޔޫގައި ބައިވެރިވާން ފުރުސަތު ލިބިފައިވާކަން ހާމަކޮށް ލައިޝާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި އަދި އެ ފުރުސަތު ދިން ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. ލައިޝާއަށް މި ފުރުސަތު ހޯދައިދީފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުންނެވެ.

ލައިޝާއަކީ މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އަދި އެ މުބާރާތުން އެއްވަނަ އެވެ.

މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް އަކީ ވާދަވެރި މުބާރާތެއް ގޮތަށް ކުރިއަށްދާ ފެސްޓިވަލެއް ނޫނެވެ.

މި ފެސްޓިވަލްގައި އޭބީޔޫގެ މެންބަރު 13 ގައުމެއްގެ ފަންނާނުން ބައިވެރިވާއިރު މިއީ ރާއްޖެއިން މި ފެސްޓިވަލްގައި ބައިވެރިވާ ފަސްވަނަ އަހަރެވެ.

ރާއްޖެއިން މި މުބާރާތުގައި ފުރަތަމަ ބައިވެރިިވީ 2014 ވަނަ އަހަރު އެވެ. ވީމީޑިއާ ގުރޫޕުން ހޯދައިދިން ފުރުސަތެއްގައި އެ ފަހަރު ރާއްޖެ ތަމްސީލުކުރީ މަޝްހޫރު ލަވަކިޔުންތެރިޔާ މޫޝާން މުބާރިކެވެ. އަދި އޭނާ މި ފެސްޓިވަލްގައި ހުށަހަޅައިދިނީ ރަންނަމާރި ލަވައެވެ. އަދި ދެވަނަ ޝޯގައި ރާއްޖެ ތަމްސީލުކުރީ މަރިޔަމް އުނޫޝާއެވެ. އުނޫޝާ ހުށަހަޅައިދިނީ އިނގިރޭސި އާއި ދިވެހި ބަހުން ގަތާލެވިފައިވާ "ދަ މޯލްޑިވްސް ސޯންގް" އެވެ.

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ވެސް ރާއްޖެއިން މި އަހަރު ބައިވެރިވެފައިވެ އެވެ. މި ފެސްޓިވަލްގައި މި އަހަރު ރާއްޖެ ތަމްސީލް ކުރީ ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް އެވެ.