ގައުމީ ފިލްމް އެވޯޑްސް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަން ނިންމާ، ފިލްމްތައް ބައިވެެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ނިންމައިފި އެވެ.

ގައުމީ ފިލްމް އެވޯޑް އިންތިޒާމުކުރަނީ ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިންނެވެ.

އެންސީއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަަހަރު ބާއްވާ ހަތްވަނަ ގައުމީ ފިލްމް އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެންސީއޭ އިން ބުނީ ފޯމްތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ކަމަށެވެ.

އެންސީއޭގެ ކައުންޓަރުންނާއި، އެތަނުގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އެންސީއޭ އިން އިތުރަށް ބުނީ މިއަހަރުގެ އެވޯޑްގައި ބައިވެރިކުރެވޭނީ 2011 ވަަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ނެރެފައިވާ ފިލްމްތައް ކަމަށެވެ.

ގައުމީ ފިލްމް އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި އެންސީއޭ އިން ދެމުންގެންދާ އެވޯޑެކެވެ.