ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ އެންމެ ފަހުގެ ފިލްމް "އޭ ދިލް ހޭ މުޝްކިލް" ޕްރިމިއާ ކުރަން ފުރުސަތު ދިނުމަށް އެއްބަސްވެއްޖެ އެވެ.

ކަރަން ޑައިރެކްޓްކޮށްފައިވާ މިފިލްމު އިންޑިއާގެ ސިނަމާތަކުގައި އެޅުވުމަށް އެންމެ ބޮޑަށް ދެކޮޅު ހަދަމުން ދިޔައީ އެގައުމުގައި ތިންވަނަ އަށް އެންމެ ބޮޑު ސްޓޭޓް ކަަމަށްވާ މަހާރާޝްތުރަ ސްޓޭޓްގެ އެންމެ ބޮޑު ޕާޓީ މަހާރާޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް)ގެ ފަރާތުންނެވެ.

އެމްއެންއެސްގެ ފަރާތުން އޭ ދިލް ހޭ މުޝްކިލް އިންޑިއާގައި އެޅުވުމަށް ދެކޮޅު ހެދީ މިފިލްމުގައި ބޮލީވުޑްގައި ހަރަކާތްތެރިވާ ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ހާންގެ މަންޒަރުތަކެއް ހިމަނާފައިވާތީ އެވެ. މީގެ ކުރިން އެމްއެންއެސްއިން ވަނީ މިފިލްމްގައި ހުރި ފަވާދުގެ މަންޒަރުތައް ފިލްމުން އުނިކޮށްނުލާނަމަ މިފިލްމް ސިނަމާތަކުގައި އެޅުވިޔަ ނުދޭނެ ކަމަށާއި އަދި ސިނަމާ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އޭ ދިލް ހޭ މުޝްކިލް އިންޑިއާގެ ސިނަމާތަކުގައި އެޅުވުމުގެ ހުއްދަ މިފިލްމު އުފެއްދި ޓީމަށް ލިބިފައި މިވަނީ ކަރަން ޖޯހަރު ހިމެނޭ ގޮތަށް މިފިލްމުގެ ޕްރޮޑަކްޝަން ޓީމުން މަހާރާޝްތުރަ ސްޓޭޓުގެ ޗީފް މިނިސްޓަރު ދެވެންދުރާ ފަދުނާވިސްއާއި އެމްއެންއެސްގެ ލީޑަރު ރާޖު ތަކެރޭއާއި އެކު އިއްޔެ ބޭއްވި މަޝްވަރާތަކަށްފަހު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމް އެޅުވުމަށް ހުއްދަ ދިނީ މިފިލްމްގައި ބައިވެރިވާ އެންމެން ތިބީ އިންޑިއާގެ ސަލާމަތީ ބާރުތަކާއެކު ކަަމަށް ބުނާ ލިޔުންކޮޅެއް ފިލްމުގައި ދައްކަން އެއްބަސްވުމުންނެވެ. މީގެ އިތުރުން މިފިލްމުން ލިބޭ ފައިދާގެ ކޮންމެވެސް މިންވަރެއް އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ހާލަތު ރަނގަޅުކުރުމަށް ހުޅުވާފައިވާ ފަންޑަށް ހަދިޔާކުރުމަށް މިމަޝްވަރާތަކުގެ ތެރެއިން އެއްބަސްކުރުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ފަންޑަށް ހަދިޔާކުރާނެ ފައިސާގެ އަދަދާ މެދު ކަރަން ޖޯހަރު މިބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އޭ ދިލް ހޭ މުޝްކިލް އަމާންކަމާއެކު ސިނަމާތަކުގައި އެޅުވުމަށް ފުރުސަތު ދޭން ނިންމާފައި މިވަނީ ކަރަންގެ ފިލްމްތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޕާކިސްތާންގެ ތަރިން ބައިވެރިނުކުރާނެ ކަމަށް ބުނެ މިފިލްމް އެޅުވުމަށް ފުރުސަތު ދިނުމަށް އެދި އާދޭހުގެ މެސެޖެއް ކަރަން ބައެއް ފަރާތްތަކަށް ފޮނުވާފައިވާ ވަގުތެއްގަ އެވެ.

އިންޑިއާގެ ފިލްމްތަކުގައި ޕާކިސްތާންގެ ފިލްމީ ތަރިން ހިމެނޭނަމަ އެ ފިލްމެއް އެޅުވުމަށް ހުރަސްއަޅާނެ ކަމަށް އެމްއެންއެސްއާއި އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ބުނެފައިވަނީ ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާންގެ ކޯޅުން ހަނގުރާމައަކާއި ހަމައަށް ދިއުމަށް މަޝްރަހު ބަދަލުވެފައިވާ ވަގުތެއްގަ އެވެ.

ގާތްގަނޑަކަށް 500 މިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ މިފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ އައިޝްވާރްޔާ ރާއި، އަނުޝްކާ ޝަރްމާއާއި، ރަންބީރު ކަޕޫރުގެ އިތުރުން ފަވާދު ހާން އެވ.

ިމިފިލްމު އެޅުވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.