ސަން ޝައިން ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމް "ވީބޭވަފާ" ކުރިއަށް އޮތް ނޮވެމްބަރު މަހު ޕްރިމިއާ ކުރުމަށް ނިންމައިފި އެވެ.

މިފިލްމާ ގުޅޭގޮތުން މިއަދު ވީނިއުސްއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރު އިބްރާހިމް ވިސާން (ކަނޑި) ބުނީ މިއީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށެވެ.

ކަނޑި ބުނީ މި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ރ. އުނގޫފާރުގައި ކަމަށެވެ. އަދި ފިލްމުގެ ހުރިހާ މަސއްކަތެއް ނިމި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ޕްރިމިއާކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. މި ފިލްމު ޕްރިމިއާ ކުރުމަށް ހާއްސަ ހަފްލާއަކާއި އެކު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

"ފިލްމު ޕްރިމިއާ ކުރުމަށް ވަރަށް ހާއްސަ ކަންތައްތަކެއް ކުރުމަށް ތައްޔާރުވަމުން މިދަނީ. ދެން ސަޕްރައިޒެއް ގޮތަށް ބާއްވާނީ އެކަންތައް،" ރާއްޖޭގެ އެންމެ ހުނަރުވެރި ކެމަރާމަނުންގެ ތެރޭގައި ވެސް ހިމެނޭ ކަނޑި ބުންޏެވެ.

މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު(ޔޫއްޕެ)އާއި، ފަރީލާ، މުއާ، ނިއުމާގެ އިތުރުން ޒީނަތު އެވެ. މީގެ އިތުރަށް އުނގޫފާރުގެ ބައެއް މީހުން މި ފިލްމުން ފެނިގެންދާނެ ކަމަށްވެސް ކަނޑި ބުންޏެވެ. އެގޮތުން ސަޕޯޓިން އެކްޓަރުންގެ ގޮތުގައި މި ފިލްމުގައި މަސއްކަތް ކޮށްފައިވަނީ އުނގޫފާރުގެ ބައެއް މީހުންނެވެ.

ކަނޑި ބުނީ މިފިލްމުގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ކަމަށެވެ. އެގޮތުން މި ފިލްމުގައި ކެމެރާމަނެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ކޮކޯ ހަސަން ކަމަށާއި ފިލްމު އެޑިޓް ކުރުމުގައި އަހްމަދު ނިމާލް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ފައިނަލް އެޑިޓިން ހަދައިދީފައިވަނީ ސެމީ ކަމަށްވެސް ބުންޏެވެ.

މި ފިލްމުގެ ޓިކެޓް ވިއްކަން ނިންމާފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ޕްރިމިއާ ޝޯގެ ޓިކެޓް 200 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު އާންމު ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާ އަށެވެ.

ކަނޑި ބުނީ އޮލިމްޕަސް މިވަގުތު ލިބިފައިވަނީ 10 ޝޯއަށް ކަމަށެވެ. އެހެންކަމުން އޮލިމްޕަހުގައި އެ އަދަދަށް ޝޯތައް ކުރިއަށް ގެންދިއުމަށްފަހު ބެލުންތެރިންގެ ތަރުހީބު ލިބޭނަމަ ޝްވެކް ސިނަމާގައި ފިލްމު އަޅުވަން މަސައްކަތް ކުރާނެ ކަމަށެވެ. ވީބޭވަފާ މާލޭގައި ޕްރިމިއާ ކުރުމަށްފަހު ލަސްނުކޮށް އަތޮޅުތަކުގައި މިފިލްމުގެ ޝޯތައް ދައްކަން ފަށާނެ ކަން ފާހަގަކޮށް ކަނޑި ބުނީ މިފިލްމު އަތޮޅުތަކުގައި އަޅުވަން ޝައުގުވެރިވާ ފަރާތްތަކުން އޭނާއަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

ސަންޝައިންގެ ފަރާތުން ވީބޭވަފާގެ ޕްރޮޑިއުސަރުންނަކީ ހުސައިން މުނައްވަރާއި އަހްމަދު ޝާހް އެވެ.