ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފީޗާ ފިލްމް "އިންދިރާސް"ގެ ޝޫޓިން އަހަރުތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން އެ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެކެދެކެވެސް ޕްރޮޑަކްޝަންގެ ވެރިޔާ މުހައްމަދު އަބްދުﷲ (މުހައްމާ) ބުނެފި އެވެ.

އިންދިރާސްގެ ޝޫޓިން ފަށާފައިވަނީ 2012 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ އަހަރުގެ ތެރޭގައި ފިލްމުގެ މަސައްކަތް ހުއްޓިފައި އޮތް ގޮތަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

މި ފިލްމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވަނީ ކީއްވެގެންތޯ ވީނިއުސް އިން ދެންނެވުމުން މުހައްމާ ބުނީ ފިލްމުގެ ކާސްޓުންނާއި ފިލްމުގެ ޑައިރެކްޓަރު ބޭނުންވާ ސްޕީޑުގައި ފިލްމުގެ މަސއްކަތް ކުރިއަށް ނުދިއުމުންނާއި ދިމާވި އެކިއެކި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ފިލްމުގެ މަސއްކަތް ހުއްޓާލަން ޖެހުނީ ކަމަށެވެ. އެހެންނަމަވެސް މި ފިލްމުގެ މަސައްކަތް އާ ފެށުމަކުން ފެށުމުގެ ވިސްނުން އަދިވެސް ގެންގުޅޭ ކަމަށް ބުންޏެވެ.

މުހައްމާ ބުނީ މާލެ އާއި ބައެއް ރިސޯޓްތަކުގެ އިތުރުން އަތޮޅުތަކުގަ އާއި ސްރީލަންކާގައި އިންދިރާސްގެ މަންޒަރުތައް ނަގާ ގޮތަށް ހަމަޖެހިފައި ވިޔަސް ފިލްމުގައި އަދި ޝޫޓް ކުރެވުނީ މާލޭގައި އެކަނި ކަމަށެވެ. މިފިލްމުގެ 38 ޕަސަންޓް ޝޫޓްކޮށް ނިމިފައިވާ ކަން ފާހަގަކޮށް މުހައްމާ ވިދާޅުވީ އަލުން ފިލްމުގެ މަސއްކަތް ފަށައި ޝޫޓް ކުރަން ހަމަޖެހިފައިވަނީ ވެސް މި ލޮކޭޝަން ތަކުގައި ކަމަށެވެ.

މުހައްމާ ބުނީ މިހާރު މަސއްކަތް ކުރަމުންދަނީ ފިލްމުގައި ކުރިން ހަރަކާތްތެރިވެފައިވާ ތަރިންނާ ވާހަކަ ދައްކައިގެން ފިލްމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ކަމަށެވެ.

"އަޅުގަނޑު މަސއްކަތް މި ކުރަނީ ކުރިންވެސް ފިލްމުގައި ހަރަކާތްތެރިވި ކާސްޓުންނާއި ވާހަކަ ދައްކައިގެން އެމީހުން އަލުން މި ފިލްމު މަސައްކަތް ކުރޭތޯ ބެލުމަށް. ދެން ރަވީއާ ވެސް ވާހަކަ ދައްކައިގެން ކުރިއެކޭވެސް އެއްގޮތަށް ފިލްމުގެ މަސއްކަތް ކުރިއަށް ގެންދަން ބޭނުންވަނީ،" ކާމިޔާބު އެތައް ކުރު ފިލްމެއް އުފައްދާ އަދި އެފިލްމް ތަކުގައި އެކްޓްކޮށްފައިވާ މުހައްމާ ބުންޏެވެ.

މުހައްމާ ބުނީ ކާސްޓުންނާ ވާހަކަ ދައްކައިގެން އަލުން ފިލްމުގެ މަސައްކަތް ކުރަން އެއްބަސް ނުވެއްޖެނަމަ އާ ކާސްޓުން ހޯދާނެ ކަމަށެވެ. އަދި އެ ގޮތަށް ދިމާވެއްޖެނަމަ އާ ކުދިންނަށް ފުރުސަތު ދޭނެ ކަމަށްވެސް ބުންޏެވެ.

ވާހަކަ ލިޔުންތެރިޔާ މަހުދީ އަހްމަދުގެ ސްކްރިޕްޓަކަށް ހަދާ، އިންދިރާސް އަކީ އިޖްތިމާއީ މައްސަލަތަކަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. މިފިލްމްގައި ފެނިގެން ދާނީ އެޗްއައިވީ ޖެހިފައިވާ މީހެއްގެ އިހުސާސްތަކާ އޭނާގެ ސަބަބުން އާއިލާއަށް ކުރާ އަސަރެވެ. ފިލްމު ޑައިރެކްޓް ކުރަނީ ރަވީ ފާރޫގެވެ.

ހުސައިން މުނައްވަރު ކެމަރާކުރާ މިފިލްމްގައި ހަތަރުލަވަ ހިމެނެ އެވެ. މި ފިލްމްގެ މުހިއްމު ތަރިންނަކީ އަބްދުﷲ މުއާޒާއި ރަވީ ފާރޫގާއި ކޮޕީ އިއްސެ އާއި އަޒޫ އާއި އާމިރާގެ އިތުރުން ސިތޫއާ ޝަކީލާ އެވެ. އަދި މިފިލްމްގެ މިއުޒިކް ހަދަނީ މުހައްމަދު އިކްރާމެވެ.

މިފިލްމުގެ މަސއްކަތް ހުއްޓިފައިވަނިކޮށް ދެކެދެކެވެސް ޕްރޮޑަކްޝަނުން ވަނީ ސީޒަން އާއި ގުޅިގެން މިއަހަރު ފިލްމެއް އުފައްދާފަ އެވެ. މިއަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ "ވަފާތެރި ކެހިވެރިޔާ" އަކީ މުހައްމާ ބުނި ގޮތުގައި ފްލޮޕް ފިލްމެކެވެ.