ގައުމީ ފިލްމު އެވޯޑްސްގައި ފިލްމްތައް ބައިވެެރިކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރު އެއް ހަފްތާއަށް އިތުރުކުރުމަށް ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން އެންސީއޭގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަން ނިންމާފައިވާ މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ކަމަށްވިޔަސް އެ މުއްދަތު އިތުރު އެއް ހަފްތާ އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަަހަރު ބާއްވާ ހަތްވަނަ ގައުމީ ފިލްމް އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
މުއާ ވިދާޅުވީ ޑިސެމްބަރު މަހުގައި އެވޯޑް ހަފްލާ ބާއްވަން ނިންމާފައިވީނަމަވެސް ބާއްވާނެ ތަނެއް ކަނޑައެޅިފައި ނުވާތީ އެވޯޑް ހަފްލާ ބާއްވާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށެވެ.
އޭނާ ވިދާޅުވީ އެވޯޑަށް ފިލްމު ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ފިލްމުތަށް ޖަޖު ކުރުމުގެ މަސއްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ ޖަޖުންގެ ގޮތުގައި މަސއްކަތް ކުރާ ފަރާތްތައް އަދި ކަނޑަނާޅާ ކަމަށާއި އެހެންނަމަވެސް މި ފެށޭ ހަފްތާގައި ޖަޖުން ހަމަޖައްސާ މީޑިއާ އާއި ހިއްސާ ކުރާނެ ކަމަށެވެ.
"އަދި ޖަޖުން ހަމަ އެއް ނުޖައްސަން. އެކަމަކު މި ފެށޭ ހަފްތާގައި އެކަންތަށް ހަމަޖައްސާފަ މީޑިއާ އަށް އެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް މިބަލަނީ،" މުއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވީހާވެސް އިންސާފުވެރި ކަމާއެކު އެއްވެސް ޖަޖަކަށް އަނެއް ޖަޖުގެ ފަރާތުން އަދި އެއްވެސް އެހެން ފަރާތެއްގެ ނުފޫޒު ނާންނާނެ ގޮތަކަށް ޖަޖު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ އެވޯޑް ތަކުގެ މިންގަނޑަށް ފައްތައިގެން މިފަހަރު ވެސް އެވޯޑު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަހަރުގެ އެވޯޑްގައި ބައިވެރިކުރެވޭނީ 2011 ވަަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ނެރެފައިވާ ފިލްމްތަކެވެ.
ގައުމީ ފިލްމް އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި އެންސީއޭ އިން ދެމުންގެންދާ އެވޯޑެކެވެ.