ސަން ޝައިން ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމް "ވީބޭވަފާ"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މިފިލްމުގެ ޓިކެޓް މިއަދު ހެނދުނު 10:00 އިން ފެށިގެން ވިއްކަމުން ގެންދަނީ އޮލިމްޕަހުންނެެވެ.

މިފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް 200 ރުފިޔާއަށް ވިއްކަމުންދާއިރު އާންމު ޝޯ ތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާ އަށެވެ.

މިފިލްމު ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ މީހަކު ބުނީ އޮލިމްޕަސް ލިބުމުގައި ދަތިތަކެއް އުޅޭތީ މިވަގުތު ނިންމާފައިވަނީ "ވީބޭވަފާ"ގެ 10 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ކަމަށެވެ. ނަމަވެސް ފިލްމަށް ޓިކެޓް ބުކް ކޮށްދިނުމަށް ހަމަޖެހިފައި ނުވާ ކަމަށްވެސް ބުންޏެވެ.

މަޝްހޫރު ކެމަރާމަން އިބްރާހިމް ވިސާން (ކަނޑި) ޑައިރެކްޓް ކޮށްފައިވާ މިފިލްމުގެ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އޮލިމްޕަހުގަ އެވެ. މި ފިލްމު ޕްރިމިއާ ކުރުމަށް ހާއްސަ ހަފްލާއަކާއި އެކު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ރ. އުނގޫފާރުގައި ހުރިހާ މަންޒަރެއް ނަގާފައިވާ މިފިލްމާ ގުޅޭގޮތުން ކަނޑި ވީނިއުސް އަށް މައުލޫމާތު ދެމުން ބުނީ މިއީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށެވެ.

މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު(ޔޫއްޕެ)އާއި، ފަރީލާ، މުއާ، ނިއުމާގެ އިތުރުން ޒީނަތު އެވެ. މީގެ އިތުރަށް އުނގޫފާރުގެ ބައެއް މީހުން މި ފިލްމުން ފެނިގެންދާނެ ކަމަށްވެސް ކަނޑި ބުންޏެވެ. އެގޮތުން ސަޕޯޓިން އެކްޓަރުންގެ ގޮތުގައި މި ފިލްމުގައި މަސއްކަތް ކޮށްފައިވަނީ އުނގޫފާރުގެ ބައެއް މީހުންނެވެ.

ކަނޑި ބުނީ މިފިލްމުގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ކަމަށެވެ. އެގޮތުން މި ފިލްމުގައި ކެމެރާމަނެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ކޮކޯ ހަސަން ކަމަށާއި ފިލްމު އެޑިޓް ކުރުމުގައި އަހްމަދު ނިމާލް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ފައިނަލް އެޑިޓިން ހަދައިދީފައިވަނީ ސެމީ ކަމަށްވެސް ބުންޏެވެ.

ކަނޑި ބުނީ އޮލިމްޕަހުގައި ޝޯތައް ކުރިއަށް ގެންދިއުމަށްފަހު ބެލުންތެރިންގެ ތަރުހީބު ލިބޭނަމަ ޝްވެކް ސިނަމާގައި ފިލްމު އަޅުވަން މަސައްކަތް ކުރާނެ ކަމަށެވެ. ވީބޭވަފާ މާލޭގައި ޕްރިމިއާ ކުރުމަށްފަހު ލަސްނުކޮށް އަތޮޅުތަކުގައި މިފިލްމުގެ ޝޯތައް ދައްކަން ފަށާނެ ކަން ފާހަގަކޮށް ކަނޑި ބުނީ މިފިލްމު އަތޮޅުތަކުގައި އަޅުވަން ޝައުގުވެރިވާ ފަރާތްތަކުން އޭނާއަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

ސަންޝައިންގެ ފަރާތުން ވީބޭވަފާގެ ޕްރޮޑިއުސަރުންނަކީ ހުސައިން މުނައްވަރާއި އަހްމަދު ޝާހް އެވެ.