ލާނާސް ޕްރޮޑަކްޝަންގެ ފިލްމް "ދޭތީ އަނިޔާ" ޕްރިމިއާ ކުރާނެ ދުވަހެއް ބުނަން ދަތި ކަމަށް ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ބުނެފި އެވެ.
ހާމިދު އަލީ ޕްރޮޑިއުސް ކޮށް އަމްޖޭ ޑައިރެކްޓް ކުރާ މި ފިލްމްގެ ޝޫޓިން ފަށާފައިވަނީ މީގެ ހަތަރު މަސް ކުރިންނެވެ.
ވީނިއުސްއަށް މިއަދު ދިން އިންޓަވިއުއެއްގައި އަމްޖޭ ބުނީ މި ފިލްމުގެ ޝޫޓިންގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި އެހެންނަމަވެސް ފިލްމް ޕްރިމިއާ ކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.
އަމްޖޭ ބުނީ މިފިލްމު ޝޫޓް ކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން ލަންކާގައި ކަމަށެވެ. އަދި ހުޅުމާލޭގައި ނަގަންޖެހޭ ބައިތަށް ނަގާ ނިމިފައިވާ ކަމަށްވެސް ބުންޏެވެ.
އަނިޔާވެރިކަމާއި ލޯބީގެ އަސަރުން ފުރިގެންވާ ވާހަކައެއްގެ މަައްޗަށް ބިނާކޮށް އުފައްދާ މިފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ އާމިނަތު ރިޝްފާ، އަހްމަދު އީސާ (އާނަންދު)، ޝިބާއު، ފައުޒިއްޔާ، ޝަކީލާގެ އިތުރުން މުޅިން އަލަށް ފިލްމީ ދައިރާއަށް ތައާރަފްވާ ފަތޫނާ އެވެ. މީގެ އިތުރުން ނުބައި މީހެއްގެ ރޯލުން ފިލްމުގެ ޕްރޮޑިއުސަރު ހާމިދު އަލީ ވެސް ފެނިގެންދާނެ އެވެ.