މިދިޔަ އޮކްޓޫބަރު މަސް ނިމިގެން ދިޔައިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 543.1 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން ނެރެފައިވާ ނޮވެމްބަރު މަހުގެ އިގްތިސޯދީ ރިވިއުގެ ތަފާސްހިސާބު ތަކުގައިވާ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ރިޒާވްގައި ހުރި 541.4 މިލިއަން އެމެރިކާ ޑޮލަރަކީ މިދިޔަ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 1.7 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 186.8 މިލިއަން އެމެރިކާ ޑޮލަރެވެ. މަހުން މަހަށް ބަލާއިރު މިއީ ހަތަރެއް އިންސައްތަ ދަށް އަދަދެކެެވެ. އަދި އަހަރުން އަހަރަށް ބަލާއިރު ވެސް މިއީ 9 އިންސައްތަ ދަށް އަދަދެކެވެ.
އެމްއެމްއޭ އިން ބުނީ ޔޫޒަބަލް ރިޒާވުގެ މިންވަރު އަހަރުން އަހަރަށް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ބެރު ފައިސާ ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދާ ދިނުމަށްޓަކައި އެމްއެމްއޭއިން ވިޔަފާރި ބޭންކްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކާފައިވާ އަދަދު މިމުއްދަތުގެ ތެރޭގައި އިތުރުވުމުން ކަމަށެވެ.
އިގުތިސޯދީ ރިވިއުގައިވާ ގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި އޮކްޓޫބަރު މަހު ރާއްޖެއިން އާންމު ގޮތެއްގައި ބޭނުންކޮށްފައިވާ ބޭރު ފައިސާގެ ތެރެއިން އަހަރުން އަހަރަށް ބަލާއިރު ސްރީލަންކަން ރުޕީ، ޕައުންޑް އަދި ޗައިނީޒް ޔުއާން އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. މިމުއްދަތުގެ ތެރޭގައި ޔޫރޯއާއި އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެކަމަކު އިންޑިއަން ރުޕީއާއި ސިންގަޕޫރު ޑޮލަރާއި އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.
މަހުން މަހަށް ބަލާ ނަމަ ސްރީލަންކަން ރުޕީ، ޕައުންޑް، ޗައިނީޒް ޔުއާން، ޔޫރޯ، އިންޑިއަން ރުޕީ އަދި ސިންގަޕޫރު ޑޮލަރާއި އަޅާ ބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް އިންޑިއާ ރުޕީއާއި ޔޫރޯއާއި އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.