ދުބާއީގެ ފާސްޓް ފުޑް ފްރެންޗައިޒް "ޗިކިންގް"ގެ ތަނެއް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހުޅުވުމަށް ނިންމައިފި އެވެ.
ޗިކިންގް ފްރެންޗައިޒް ރާއްޖޭގައި ހިދުމަތް ދިނުމަށްޓަކައި ޓީއެފްސީ އިންވެސްޓްމެންޓް ކިޔާ ދިވެހި ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރު އަހްމަދު ނަޝީދު އެވެ. އަދި ޗިކިންގްގެ ފަރާތުން ސޮއިކުރެއްވީ ޗިކިންގް ފްރެންޗައިޒްގެ ސީއީއޯ ސްރީކާންތު އެންޕީ އެވެ.
ރާއްޖޭގައި ޗިކިންގްގެ ފުރަތަމަ އައުޓްލެޓް އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ތެރޭގައި ހުޅުވަން ނިންމާފައިވާއިރު ކުރިއަށް އޮތް ތަނުގައި އިތުރު ދެ އައުޓްލެޓާއި އެކު، ޖުމްލަ ތިން އައުޓްލެޓް ރާއްޖޭގައި ހުޅުވަން މިހާރު ވަނީ ހަމަޖައްސާފަ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޓީއެފްސީ އިންވެސްޓްމަންޓްގެ ޑިރެކްޓަރު އަހްމަދު ނަޝީދު ވިދާޅުވީ ޗިކިންގް އަކީ ރަނގަޅު ކޮލިޓީގެ ފާސްޓް ފުޑް ވަރަށް ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ބައެއް ކަމަށެވެ. އެގޮތުން މިފަދަ ތަނެއް ރާއްޖޭގައި ހުޅުވިގެން ދިއުމަކީ ރާއްޖޭގެ ފާސްޓް ފުޑް އިންޑަސްޓްރީއަށް އަންނާނެ ވަރަށް ބޮޑު ތަފާތެއް ކަމަށާއި އަދި މިކމަމުގެ ސަބަބުން މިދާއިރާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޗިކިންގްގެ އައުޓްލެޓެއް އެންމެ ފުރަތަމަ ހުޅުވުނީ މީގެ 15 އަހަރު ކުރިން ދުބާއީގަ އެވެ. ޗިކިންގްގެ އެންމެ ހާއްސަ ކާނާއަކީ ކުކުޅު ކަމަށް ވާއިރު ޗިކިންގްއަކީ ދުނިޔޭގައި އެންމެ ބޮޑަށް އިތުބާރު ލިބިފައިވާ އަދި ހަލާލް ސެޓިފައިޑް ރެސްޓޯރަންޓް ޗެއިނެވެ.
މިވަގުތު ދުނިޔޭގެ އަށް ގައުމެއްގައި ޗިކިންގްގެ 100 އަށް ވުރެ ގިނަ އައުޓްލެޓް އެބަހުއްޓެވެ. އެގޮތުން އިންޑިއާގެ ޗެންނާއީއާއި ޓްރިވެންޑްރަމް، ޕާކިސްތާން، މެލޭޝިއާ، ބަހްރައިން، ޔޫއޭއީ، އޮމާން، އިންޑޮނޭޝިއާ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތައް ހިމެނެ އެވެ. މީގެ އިތުރުން ފިލިޕީންސް، ރަޝިއާ، ފްރާންސް، އައިވަރީ ކޯސްޓް، ތުރުކީ އިނގިރޭސިވިލާތް އަދި މޮރޮކޯ ފަދަ ގައުމުތަކުގައި ވެސް ޗިކިންގް އައުޓްލެޓްތައް ހުޅުވުމަށް އެކުންފުނިން ގެންދަނީ މަސައްކަތް ކުރަމުންނެެވެ.