ރާއްޖޭގައި އިތުރު ދެ ސަރަހައްދެއްގައި އަންނަ އަހަރު އެމްޓީސީސީގެ އިތުރު ދެ ޝޯވް ރޫމެއް ހުޅުވަން ނިންމައިފި އެވެ.
އެމްޓީސީސީގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ "ކަށަވަރު ޕްރޮމޯޝަން 2016" ރަސްމީކޮށް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް އެވެ.
އަދްހަމް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ވެސް އެކުންފުނީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިމަސައްކަތުގެ ތެރެއިން މިއަހަރުވެސް ފިހާރާއެއް ހުޅުވިފައިވާ ކަމަށާއި އެހެންކަމުން އަންނަ އަަހަރު އިތުރު ދެ ފިހަރާ ހުޅުވުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މި ފިހާރަތައް ހުޅުވާނެ ވަކި ތަނެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.
"އަޅުގަނޑުމެން މި އައުޓްލެޓްތައް މި ހުޅުވަނީ ކަސްޓަމަރުންނާ އަޅުގަނޑުމެންގެ ހިދުމަތް ވީހާ ވެސް ގާތުން ދިނުމަށް،" އަދުހަމް ވިދާޅުވި އެވެ.