މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެ ގޮތް ހެދުމަށް އުރީދޫއާއެކު އެމްޓީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޓީސީސީގެ ޓަވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތު އެވެ.
މިރަސްމިއްޔާތުގައި ނިޔާޒް ވިދާޅުވީ އުރީދޫ ވޯކް ގްރޫޕް ހިދުމަތަކީ އާންމުންގެ އިތުބާރު ލިބިފައިވާ މަގްބޫލު ހިދުމަތެއް ކަމަށާއި، ރާއްޖޭގެ ގިނަ ކުންފުނިތަކަކުން މިހާރުވެސް މިހިދުމަތް ބޭނުންކުރަމުންދާ ކަމަށެވެ.
ނިޔާޒް ވިދާޅުވީ އުރީދޫއިންވެސް މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީ ކަހަލަ ބޮޑެތި ކުންފުނިތަށް މި ހިދުމަތް ފޯރުކޮށްދީގެން އެ ކުންފުނިތަކުގެ މަސައްކަތުގެ ދުވެލި ހަލުވިކުރަން ކަމަށެވެ. އެމްޓީސީސީގެ މުވައްޒަފުން ރާއްޖޭގެ ެއެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ މިހިދުމަތުގެ ސަބަބުން މުއާމަލާތް ކުރުމުގައި އެތައް ފަސޭހަތަކެއް ލިބި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމާލުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށެެވެ.
"މި ހިދުމަތުގެ ސަބަބުން ކޮމިއުނިކޭޝަން ނިޒާމް ރަގަޅުވެގެންދާނެ. އަނެއްކާ ދުވަހުން ދުވަހުން ކުރަންޖެހޭ މަސައްކަތް ނިންމޭނެ،" ނިޔާޒު ވިދާޅުވި އެވެ.
އުރީދޫ ވޯކް ގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލްއެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރެވޭނެ ކަމަށް އޫރީދޫ އިން ބުނެ އެވެ. އަދި ހަތަރު އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން ވޯކް ގްރޫޕްގައި ހިމެނޭ ބޭފުޅުންގެ މެދުގައި އެކަކު އަނެކަކަށް ފަސޭހަކަމާ އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫ އިން މައުލޫމާތުދެ އެވެ.