އެކަކަށްވުރެ ގިނަ ފަރާތްތައް ގުޅިގެން ހިންގާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި މީރާއިން ލުޔެއް ދީފި އެވެ.

މީރާއިން ނެރެފައިވާ "ޓެކްސް ރޫލިން" ގައިވާ ގޮތުން އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 20،000 ރުފިޔާ އަށް ވުރެ އިތުރު ނުވާ ފަރާތްތަކާއި އެފަދަ ވިޔާފާރިތަކުގައި މުވައްޒަފުން ނުގެންގުޅޭ ފަރާތްތަކުން މީރާގައި ރަޖިސްޓްރީ ކުރުން ލާޒިމެއް ނޫން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ހިންގާ ވިޔާފާރީގެ އެއްވެސް ހަރަކާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން ދޫކުރާ ހުއްދައެއް ނުވަތަ ލައިސެންސެއް ނަގަން ނުޖެހޭނެ ކަމަށްވެސް މި ރޫލިންގައިވެ އެވެ.

މީގެ އިތުރަށް މި ޓެކްސް ރޫލިންގައިވާ ގޮތުން އެފަދަ ވިޔަފާރި ހަރަކާތްތަށް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެނަމަ މީރާގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި އަދި ރަޖިސްޓްރީ ނުކުރި ކަމުގައިވީ ނަމަވެސް ހުރިހާ ހިސާބުތަކާއި ލިޔެކިޔުންތައް ފުރިހަމަ އަށް ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

މީރާގެ ޑިރެކްޓަރު ޖެނެރަލް ޕޭމަންޓް ޕްރޮސެސިން އަހްމަދު ޝަރީފު ވިދާޅުވީ މި ބަދަލުގެ ސަބަބުން މީރާގައި ރަޖިސްޓްރީ ކުރުން ލާޒިމްވަނީ ވިޔަފާރި ކުރުމަށް ސަރުކާރުގެ އެއްވެސް ތަނަކުން ހުއްދައެއް ނަގަން ޖެހޭނަމަ ކަމަށެވެ. އެހެންނަމަވެސް އެފަދަ ފަރާތަކުން ކުރާ ވިޔަފާރީގައި މަހެއްގެ މައްޗަށް 20،000 ރުފިޔާ އަށް ވުރެ އިތުރުވާ އާމްދަނީ ނުލިބޭ ފަރާތްތަކުންނާއި އަދި ވިޔަފާރިތަކުގައި މުވައްޒަފުން ނުގެންގުޅޭ ފަރާތްތައް މީރާގައި ރަޖިސްޓްރީ ކުރުން ލާޒިމް ނޫން ކަމަށްވެސް ވިދާޅުވި އެވެ.