މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 11 ޕަސެންޓަށް އިތުރުވެފައިވާއިރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދުވެސް ފަސް ޕަސެންޓަށް އިތުރުވެފައިވާ ކަަމަށް އެމްއެމްއޭއިން ހާމަކޮށްފި އެވެ.
އެމްއެމްއޭއިން މި މައުލޫމާތު ހާމަކޮށްފައިވަނީ އެ އޮތޯރިޓީން ނެރޭ އިގްތިސާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދުގަ އެވެ. މި ރިވިއުގައިވާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި 117،489 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ފަސް ޕަސެންޓަށް އިތުރުވެފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
އަހަރުން އަހަރަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެފައިވާއިރު މިއަދަދު ވަނީ މަހުން މަހަށް ވެސް އިތުރުވެފަ އެވެ. އެގޮތުން މަހުން މަހަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހުގައި ރާއްޖެ ޒިޔާރަތް ކުރީ 101،909 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރު މަހު ވަނީ މިއަދަދަށް ވުރެ 15،580 ފަތުރުވެރިން އިތުރުވެފަ އެވެ.
އެމްއެމްއޭއިން ހާމަ ކުރި ގޮތުގައި އަހަރުން އަހަރަށް މިއަދަަދު އިތުރުވެފައިވަނީ އޮކްޓޫބަރު މަހު ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ. މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ޗައިނާ އިން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދަށްވެފައިވާ ކަމަށްވެސް އެމްއެމްއޭގެ ރިވިއުގައިވެ އެވެ.
ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މިއަދަދު 8.5 ދުވަހުގައި ހުރުމަށްފަހު، ފާއިތުވެދިޔަ އޮކްޓޫބަރު މަހު މި އަދަދު ވަނީ 5.5 އަށް ދަށްވެފަ އެވެ. އަދި މިމުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވެން ހުރި އެނދުގެ އަދަދު އިތުރުވެފައިވީ ނަމަވެސް މި ދާއިރާގެ އޮކިއުޕަންސީ ރޭޓް ވަނީ މިއަހަރުގެ އޮކްޓޫބަރު މަހު 74 އިންސައްތަ މައްޗަށް ގޮސްފަ އެވެ.