ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނޭ ނޫޓްތައް އިގްތިސޯދުގައި ދައުރުކުރަން ފެށި ފަހުން ކުރީގެ ނޫޓް ތަކުގެ ތެރެއިން 2.7 ބިލިއަން ރުފިޔާގެ ނޫޓް މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ނަގައިފި އެވެ.

އެމްއެމްއޭ އިން މިއަދު ވީނިއުސްއާ ހިއްސާކުރި މައުލޫމާތު ތަކުގައި ބުނެފައިވަނީ ކުރީގެ ނޫޓް ތަކުގެ ތެރެއިން 2.7 ބިލިއަން ރުފިޔާގެ ނޫޓް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެެވެ. އެއީ އިގްތިސޯދުގައި ދައުރުވާ ކުރީގެ ނޫޓްގެ 93.5 އިންސައްތަ ނޫޓެވެ. އެހެންކަމުން މިހާރު އިގްތިސޯދުގައި ދައުރު ވަނީ ކުރީގެ ނޫޓް ތަކުގެ ތެރެއިން 189 މިލިއަން ރުފިޔާ ކަމަށާއި އެއީ އިގްތިސޯދުގައި ދައުރުވާ ކުރީގެ ނޫޓުގެ 6.5 އިންސައްތަ ނޫޓް ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ.

ކުރީގެ ނޫޓް އެމްއެމްއޭ އަށް ނަގަމުންދާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނޭ 2.5 ބިލިއަން ރުފިޔާގެ ނޫޓް އިގްތިސޯދުގެ ތެރެއަަށް ދޫކޮށްލާފައިވާ ކަމަށް އެމްއެމްއޭ އިން ކުރިން ބުނެފައިވެ އެވެ. އޭރު އިގްތިސޯދުގައި ދައުރު ވަމުން ދިޔައީ ކުރީގެ ނޫޓް ތަކުގެ 2.9 ބިލިއަން ރުފިޔާގެ ނޫޓެވެ.

ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނޭ ނޫޓް ތައް ރަސްމީކޮށް ބޭނުންކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އާ ނޫޓްތައް ބޭނުންކުރަން ފެށި ނަމަވެސް މިދިޔަ ޖުލައި މަހުގެ ނިޔަލަށް ކުރީގެ ނޫޓްތައް ވިޔަފާރީގައި އާންމުކޮށް ބޭނުން ކުރުމުގެ ފުރުސަތު އެމްއެމްއޭ އިން ވަނީ ދީފަ އެވެ. އަދި ކުރީގެ ނޫޓްތައް މިމަހުގެ ނިޔަލަށް ބޭންކްތަކުން ބަދަލުކުރެވޭނެ ކަަމަށާއި ނަމަވެސް އޭގެ ފަހުން އެކަން ކުރެވޭނީ އެ އޮތޯރިޓީން ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ. މީގެއިތުރުން މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރީގެ ނޫޓުތައް އާ ނޫޓަށް ބަދަލުކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށްވެސް އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ.