އިންޓަނެޓްގެ ހިދުމަތަށް ދިމާވި މައްސަލައަކާއި ގުޅިގެން ސެންޗޫރިއަން ކުންފުނިން ވިއްކާ ހިއްސާ ގަތުމަށް އިތުރު މުއްދަތެއް ދީފި އެވެ.
ސެންޗޫރިއަން އަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް ހިއްސާ ވިއްކަން ފެށި އެންމެ ފުރަތަމަ ދިވެހި އަމިއްލަ ކުންފުންޏެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޝިޕިން އަދި ލޮޖިސްޓިކްސްގެ ހިދުމަތް ދެމުން ގެންދާ ކުންފުނި، ސެންޗޫރިއަން އިން ހިއްސާ ވިއްކަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
ސެންޗޫރިއަންގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ކުރިން ނިންމާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިންޓަނެޓްގެ ހިދުމަތަށް ދިމާވި މައްސަލައަކާއި ގުޅިގެން އޮންލައިންކޮށް ވިއްކަމުން ގެންދިޔަ ހިއްސާގެ މުއާމަލާތްތަކަށް ބުރޫއަރާފައިވާތީ ހިއްސާ ވިއްކުމުގެ މުއްދަތު އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަަމަށް ސެންޗޫރިއަން އިން ބުނެ އެވެ.
ސެންޗޫރިއަން އިން އާންމުންނަށް ވިއްކުމަށް ނިންމާފައިވަނީ އެކުންފުނީގެ 49 އިންސައްތަ ހިއްސާ އެވެ. އެއީ 25 ރުފިޔާގެ މަގުން 6.7 މިލިއަން ހިއްސާ އެވެ. ހިއްސާ ގަންނަން ޝައުގުވެރިވާ ފަރާތްތަކަުން މަދުވެގެން ހަތަރު ހިއްސާ ގަންނަން ޝަރުތުކުރާއިރު އެއީ 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.
ސެންޗޫރިއަންގެ ހިއްސާ ވިއްކުމުގެ އިންތިޒާމު މާލެއާއި ހުޅުމާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ނ. ވެލިދޫ، ނ. މަނަދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ޕޯސްޓް އޮފީސްތަކުގައި ހަމަޖައްސާފައިވާ ކަަމަށް ސެންޗޫރިއަން އިން މީގެ ކުރިން ބުނެފައިވެ އެވެ.