ދިރާގުން މުޅި ރާއްޖެއަށް 4ޖީ އެލް.ޓީ.އީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ.

ދިރާގުން ބުނީ 2017 ވަނަ އަހަރު ނިމުމުގެ ކުރިން މިމަޝްރޫއު ނިންމާނެ ކަމަށާއި މި ޚިދުމަތަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދުމަށް ފުންނާބު އުސް ދެކުންފުންޏަކާއި އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ދިރާގުން ބުނީ 4ޖީ އެލް.ޓީ.އީގެ ޚިދުމަތް ގާއިމުކުރެވުމާއި އެކު އަތޮޅުތަކުގެ ރަށްރަށުގައިވެސް ހޯމް ބްރޯޑްބޭންޑުގެ ޚިދުމަތް އެތައްގުނައެއް ހަލުއިވެ ފުރިހަމަވާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ބްރޯޑްބޭންޑުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް އެންމެ ޒަމާނީ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމުކޮށްފައެވެ.

ދިރާގުގެ ސީ.އީ.އޯ ވިދާޅުވީ އާބާދީގެ ގޮތުން ކިތަންމެ މީސްކޮޅު ކުޑަރަށެއް ނަމަވެސް މާލެއެކޭ އެއްފަދައިން މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި، ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި، ރިސޯޓުތަކާއި އަދިވެސް އިންޓަނެޓުގެ ޚިދުމަތް ބޭނުންވާ ސަރަހައްދުތަކަށް ދިރާގުގެ އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ހއ.ދިއްދޫ، އައްޑޫ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ.ދުވާފަރު، ލ.ގަން، ނ.ވެލިދޫ، ދ.ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.