އިސްލާމީ އުސޫލުތަކާއި އެއްގޮތަށް މާލީ ދާއިރާގެ ކަންކަން ކުރިއަށް ގެންދާ ގައުމުތަކުގެ ތެރެއިން އިސްލާމިކް ފައިނޭންސްގެ ކަންކަން އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.
އިސްލާމީ އުސޫލްތަކާއި އެއްގޮތައް މާލީ ދާއިރާގެ ކަންކަން ދުނިޔޭގެ 124 ގައުމެއްގައި ކުރިއަށް ގެންދެ އެވެ. މިގައުމު ތަކުގެ ތެރެއިން އެންމެ ބޮޑަށް އިސްލާމިކް ފައިނޭންސްގެ ކަންކަން ކުރިއަރާފައިވާ 15 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެ އެވެ.
ތޮމްސަން ރޮއިޓާސް އިން ނެރުނު އިސްލާމިކް ފައިނޭންސް ޑިވެލޮޕްމެންޓް އިންޑިކޭޓާ (އައިއެފްޑީއައި)އާއި އަދި އޭގެ ރިޕޯޓް ކަމަށްވާ އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ބޮޑަށް ދުނިޔޭގައި އިސްލާމިކް ފައިނޭންސްގެ ކަންކަން ކުރިއަރާފައިވާ ގައުމު ތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެ އެވެ. އަދި ތަކާފުލްގެ ދާއިރާގައިވެސް ރާއްޖެ ވަނީ ކުރިއަރަމުން އަންނަ ގައުމެއްގެ ގޮތުގައި ހިމެނިފަ އެވެ.
މިރިޕޯޓްގައިވާ ލިސްޓްގައި ދެކުނު އޭޝިއާގެ ސަރަހައްދުން ރާއްޖޭގެ އިތުރުން ހިމެނިފައިވަނީ ޕާކިސްތާން އެވެ. މި ރިޕޯޓުގައިވާ ގޮތުން އިސްލާމިކް ފައިނޭންސްގެ ކަންކަން މިހާރު އެންމެ ބޮޑަށް ކުރިއަރާފައިވަނީ ގަލްފްގެ ގައުމުތަކުގަ އެވެ.
ތޮމްސަން ރޮއިޓާސްގެ އައިއެފްޑީއައި އާއި އަދި އޭގެ ރިޕޯޓުން ދައްކާ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ރާއްޖޭގައި އިސްލާމީ ފައިނޭންސް ވަނީ ވަރަށް ބޮޑަށް ކުރި އަރާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ މުއައްސަސާތަކުންނާއި އެކި ސިނާއަތްތަކުން އިސްލާމިކް ބޭންކިން ހިދުމަތް ހޯދާފައިވާ ކަމަށްވެސް ރިޕޯޓްގައި ފާހަަގަކޮށްފައިވެ އެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ކަންކަން ކުރިއަރައިގެން ގޮސްފައި މިވަނީ ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ މުއާމަލާތްތައް ދަށަށް ގޮސްފައިވާ ވަގުތެއްގައި ކަމަށްވެސް ބަހްރޭންގައި ކުރިއަށް ދިޔަ ވޯލްޑް އިސްލާމިކް ބޭންކިން ކޮންފަރެންސްގައި އާންމު ކުރި ރިޕޯޓްގައި ބުނެފައިވެ އެވެ.
މިރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ މުއާމަލާތްތައް ދަށަށް ދިޔައީ އިސްލާމިކް ފައިނޭންސްގެ މުއާމަލާތްތައް އެންމެ ރަނގަޅަށް ހިނގަމުންދާ ގަލްފުގެ ގައުމުތަކުގެ ތެލުގެ ވިޔަފާރި ދަށަށް ގޮސް އެގައުމުތަކަށް އިގްތިސޯދީ މައްސަލަތަކެއް ދިމާވުމުންނެވެ. ނަމަވެސް 2021 ވަނަ އަހަރާ ހަމަައަށްދާއިރު އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކުގެ އަދަދު 3.5 ޓްރިލިއަން ޑޮލަރަށް އެރުވުމަށް އަމާޒު ހިފާފައިވާ ކަމަށާއި މި އަމާޒަށް ވާސިލް ވެވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.