ދިރާގު ސަބްމަރިން ކޭބަލުގެ މުހިއްމު މެއިންޓެނަންސް މަސައްކަތަކަށް 'އާސިއާން އެކްސްޕްލޯރާ' މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
މިބޯޓުގެ އިންޖިނިއަރުން ދިރާގުގެ އިންޖިނިއަރުންނާއި އެކު އދ. އަތޮޅާއި ލ. އަތޮޅާއި ދެމެދު އަޅާފައިވާ ސަބްމެރިން ކޭބަލް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ. މިމަސައްކަތްތައް ކުރުމަށް 'އާސިއާން އެކްސްޕްލޯރާ' މާލޭގެ ބަނދަރުން ލ. އަތޮޅަށް މިއަދު ފުރާނެ ކަމަށާއި އަދި މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ދިރާގުން ބުނެ އެވެ.
ދިރާގު ޑޮމެސްޓިކް ސަބްމެރީން ކޭބަލް ނެޓްވާކް ގާއިމުކުރުގެ މަޝްރޫއަކީ ފަހަކަށް އައިސް އެ ކުންފުނިން ހިންގި އެންމެ ބިޔަ އެއް މަޝްރޫއެވެ. 27 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހއ. އަތޮޅުން ސ. އަތޮޅާއި ދޭތެރޭ 1253 ކިލޯމީޓަރުގެ ކޭބަލް އަޅައި ރާއްޖޭގެ އަށް ސަރަހައްދެއްގައި ލޭންޑިން ސްޓޭޝަން ވަނީ ގާއިމްކޮށްފަ އެވެ.
ދިރާގުން ބުނީ މި މސައްކަތް ކުރަމުންދާ ވަގުތު ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ދިރާގުގެ ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންނަމަވެސް މޯބައިލުގެ ހުރިހާ ހިދުމަތެއް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ހުރިހާ ފިޔަވަޅުތަކެއް އެކުންފުނިން އަޅަފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ. އެހެންކަމުން މިއަތޮޅު ތަކުގައި ތިބި ކަސްޓަމަރުންނަށް މަސައްކަތް ކުރިއަށް ދާއިރުވެސް މޯބައިލުގެ ހިދުމަތްތައް ބޭނުން ކުރެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.
ދިރާގު ހައި ސްޕީޑް ނެޓްވާކް ރޯލްއައުޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިމެނޭ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ 2012 ވަނަ އަހަރު އެވެ. އަދި ދިރާގު ވެގެން ދިޔައީ ރާއްޖޭގައި މިފަދަ ކޭބަލެއް އަޅައި މުޅި ދިވެހިރާއްޖެއަށް ހިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަށެވެ.
ދިރާގުން ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީ ފުރިހަމަ 3ޖީ ނެޓްވާކެއް މުޅި ދިވެހިރާއްޖޭގައި ގާއިމްކޮށްފަ އެވެ. އަދި މިހާރުވެސް ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް 4ޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދީ 2017 ވަނަ އަހަރު ނިމުމުގެ ކުރިން މުޅިއާބާދީއަށް ފޯރުކޮށްދޭނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.