އުރީދޫ މޯލްޑިވްސް އިން މުޅި ރާއްޖެއަށްވާ ގޮތަށް އެޅުމަށް ހަމަޖެހިފައިވާ ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައި، ކޭބަލް ސ. ހިތަދޫގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާއި މިއަދު ގުޅާލައިފި އެވެ.

އުރީދޫ އިން ބުނީ 25 މިލިއަން ޑޮލަރުގެ ނޭޝަންވައިޑް އަންޑަސީ ކޭބަލް ޕްރޮޖެކްޓް ފަށައިފާވަނީ އުރީދޫއަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއިއެކު، ވީހާ އަވަހަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ރާއްޖޭގެ ދެކުނުން އުތުރަށް މިކޭބަލް ދަމާލެވިގެންދާއިރު، ސ. ހިތަދޫ، ގދ. ތިނަދޫ، ހުޅުމާލެ، މ. ކޮޅުފުށި، ބ. އޭދަފުށި، އަދި ހދ. ކުޅުދުއްފުށީގައި ކޭބަލް ލޭންޑިންގް ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

ހުއާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް މިކޭބަލްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު ނޭޝަން ވައިޑް އަންޑަސީ ކޭބަލް މެދުވެރިކޮށް އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

އުރީދޫ އިން ބުނީ މިމަޝްރޫއުގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މިއަދުގެ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުން ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހު މިކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ނިމޭނެކަމަށް އުއްމީދު ކުރާ ކަމަށްވެސް އުރީދޫ އިން މައުލޫމާތުދެ އެވެ.