ވޭތުވެދިޔަ ނޮވެމްބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.01 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އަދަދު އިތުރުވި މައިގަނޑު ސަބަބުތަކަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ލޭންޑް އިކުއިޒިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ މިންވަރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ އިތުރުވުން ކަމަށް މީރާއިން ބުނެއެވެ.

މި ކުރިއެރުންތަކާއެކު މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 13.29 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ކުރީ އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނު ޖުމުލަ އަދަދަކީ 12.08 ބިލިއަން ރުފިޔާއެވެ.

މީރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ނޮވެމްބަރު 2016 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 525.96 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އިކުއިޒިޝަން އެންޑް ކޮންވާޝަން ފީއިންނެވެ. އެއީ 87.84 މިލިއަން ރުފިޔާއެވެ.

ބީ.ޕީ.ޓީގެ ގޮތުގައި 84.74 މިލިއަން ރުފިޔާއާއި، ލީސް މުއްދަތު އިތުރުކޮށްދިނުމުގެ ފީއަށް 76.75 މިލިއަން ރުފިޔާއާއި، ގްރީން ޓެކުހަށް 57.2 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 175.97 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

ނޮވެންބަރު 2016 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 42.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާއިން ބުނެއެވެ.