މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްދޯންޏާއި އެހެނިހެން އުޅަނދުފަހަރު އުޅޭ ހިސާބުު ފަސޭހައިން ބަލައިލެވޭ އުރީދޫ ލޮކޭޓް ސެޓަލައިޓް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ކަނޑުތަކުގައި ދަތުރު ކުރަމުންދާ އުޅަނދުފަހަރު އުޅޭ ސަރަހައްދު ފަސޭހަކަމާއި އެކު ބަލައިލެވޭ ވެބް ޕޯޓަލް އަކާއި މޯބައިލް އެޕްލިކޭޝަނެއް ވެސް މި ޑިވައިސް އާއި އެކު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އުރީދޫ ލޮކޭޓް ސެޓަލައިޓް ފޯރުކޮށްދެނީ އުޅަނދު އޮތް ތަނެއް ދެނެގަތުމުގައި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާކުރެވިފައިވާ ތިން ޕެކޭޖަކާއި އެކުގައި ކަމަށެވެ. މީގެ ތެރޭގައި އުރީދޫ ލޮކޭޓް ސެޓެލައިޓް 599، އުރީދޫ ލޮކޭޓް ސެޓެލައިޓް 799 އަދި އުރީދޫ ލޮކޭޓް ސެޓެލައިޓް 1199 ހިމެނެ އެވެ. މީގެ އިތުރަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން އުރީދޫ ލޮކޭޓް ސެޓެލައިޓް ޕްރީ-އޯޑާ ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

އުރީދޫ އިން ބުނީ މަސްވެރިކަމަށް ބޭނުންކުރަމުންދާ އުޅަނދުފަހަރު މޮނީޓަކޮށް މެނޭޖްކުރުމުގައި ވެސެލް ޓްރެކް ކުރާ ޑިވައިސްތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި ހާއްސަ ގޮތެއްގައި، ސެލިއުލާ ނުވަތަ ރޭޑިއޯ ސިގްނަލް ނުލިބޭ ސަރަހައްދުތަކުގައި އޮޑިދޯނިފަހަރާއި ފަޅުވެރިން އެއްގަމާއި ގުޅުވާލަދެނީ ސެޓަލައިޓް މެދުވެރިކޮށް ކަމަށެވެ. އަދި ހަމައެއާއި އެކު އުރީދޫ ލޮކޭޓް ސެޓަލައިޓް މެދުވެރިކޮށް އިންޖީނުގެ ހާލަތާއި، އުޅަނދުފަހަރުގައި ބޭނުން ކުރަމުންދާ ތެލުގެ މައުލޫމާތުގެ އިތުރުން ދަތުރު ކުރަމުންދާ ރޫޓްތަކާއި ބޭހޭ މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް އުރީދޫ އިން ބުނެ އެވެ. މީގެ އިތުރަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދަކުން އުޅަނދުފަހަރު ބޭރުވެއްޖެނަމަ އެކަން އަންގައިދޭ ޖިއޯފެންސިންގެ އެލާޓްގެ ހިދުމަތް ލިބޭނެ ކަމަށްވެސް އުރީދޫއިން ބުނެ އެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ފޮނުއްވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫއާއި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާާއާއި އޮންނަ ގާތް ގުޅުމަކީ އެކުންފުނިން ފަހުރުވެރިވާ ގުޅުމެއް ކަމަށެވެ. މުސްތަގުބަލުގައިވެސް އުރީދޫ އިން މަސައްކަތްކުރަމުންދާނީ އުރީދޫގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތަށް މެދުވެރިކޮށް މަސްވެރިކަމުގެ ދާއިރާއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ. މިގޮތުން މަސްވެރިންނަށް ހާއްސަ ޓްރެކިން ޑިވައިސްއެއް ކަމަށްވާ އުރީދޫ ލޮކޭޓް ސެޓަލައިޓް ތައާރަފްކުރުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވިދާޅުވި އެވެ.

"މި ޑިވައިސް ބޭނުންކުރާ މީހުންނަށް އޮޑިދޯނިފަހަރު ދަތުރުކުރަމުންދާ ސަރަހައްދު ޓްރެކްކޮށް، ފަޅުވެރިންނާއި މުދަލުގެ ރައްކާތެރިކަން އިތުރުކޮށްދިނުން ފަދަ މުހިންމު ފައިދާތަށް ލިބިގެންދޭ" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.