ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފެށި ފުރަތަމަ މަހު، ރެމިޓެންސް ޓެކްސްގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް މިދިޔަ ނޮވެމްބަރު މަހު ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް ހާމަކޮށްފައިވާއިރު ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު 6.8 މިލިއަން ރުފިޔާ އަކީ ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީގެ 0.1 އިންސައްތަ އެވެ. ނޮވެމްބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ އެވެ.
ރެމިޓެންސް ޓެކްސް ނެގޭ ގޮތަށް ވަޒީފާއަށް ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހު މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ފާސްކުރީ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރެމިޓެންސް ޓެކްސް ނަގަން ފަށާ ގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި އިސްލާހު ތަސްދީގުކުރެއްވީ މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.
ގާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އިން ތިނެއް އިންސައްތަ އެވެ.
ބޭންކްތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތްދޭ ކުންފުނިތަކުން ރެމިޓެންސް ޓެކްސް ނެގުމަށްފަހު އެ ފައިސާ މީރާއަށް ދައްކަންޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މުސާރައިގެ ގޮތުގައި ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވާއިރު ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި ހުރި ފައިސާ ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާ ހާލަތްތަކުގައި ރެމިޓެންސް ޓެކްސް ނަގާނެ ގަވައިދެއް އެކުލަވާ މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ. ކުރިއަށް އޮތް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ލާޒިމްކޮށްފައިވެ އެވެ.
ރެމިޓެންސް ޓެކްސް ނެގުން ފަސޭހަކުރުމަށްޓަކައި ކަމަށް ބުނެ ވަޒީފާއާއި ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭންވާނީ ރާއްޖޭގައި ހިންގާ ބޭއްކެއްގައި އެ ބިދޭސީ މުވައްޒަފުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން ކަމަށެވެ. ނޫންނަމަ ގާނޫނީ ގޮތުން ސައްހަ ފައިސާއަކުން ނަގުދުގެ ގޮތުގައި ނުވަތަ ރާއްޖޭގައި ހުންނަ ބޭންކެއްގެ ޗެކަކުން، އެ މުވައްޒަފެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ކަމަށްވެސް އިސްލާހުގައިވެ އެވެ. އަދި މިއެކައުންޓް ހުޅުވަން ދީފައިވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.
ވަޒީފާދޭ ފަރާތްތަކުން މިނޫން ގޮތަކަށް އަމަލުކުރުމަކީ މަނާކަމެއް ކަމަށާއި، މިގޮތަށް އަމަލު ނުކުރާ ފަރާތްތަކުން 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށްވެސް ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.