ސްޓެލްކޯ އިން ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ނަގަމުން ދިޔަ އަދަދު ބޮޑުކޮށް 12 ލާރި ނަގަން ނިންމައިފި އެވެ.

ސްޓެލްކޯ އިން ދެމުންގެންދާ ކަރަންޓްގެ އަގު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑުކުރި ފަހުން ފިއުލް ސާޗާޖު ބޮޑު ކުރި މިއީ ދެވަނަ ފަހަރެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ސްޓެލްކޯ އިން ފިއުލް ސާޗާޖު އެންމެ ފުރަތަމަ ބޮޑުކުރީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އޭރު ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 8.12 ރުފިޔާ އަށެވެ. އޭރު ސާޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތަރު ލާރި އެވެ.

ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވެ ފިއުލް ސާޗާޖު ދެވަނަ ފަހަރަށް ބޮޑުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ސްޓެލްކޯ އަށް އެ ތާރީހުގައި ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 8.40 ރުފިޔާއަށް ކަމަށް ވާތީ އެ ތާރީހުން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުން ދިޔަ އަދަދު 12 ލާރިއަށް އިތުރުކޮށްފައިވާ ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯ އިން ފިއުލް ސާޗާޖަށް ގެނައި މިބަދަލާ ގުޅިގެން މިދިޔަ މަހުގެ 16 ވަަނަ ދުވަހުން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަން ނިންމާފައިވާ އަދަދު މިވަނީ އަށް ލާރިއަށް އިތުރުވެފަ އެވެ.

ސްޓެލްކޯ އަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8 ރުފިޔާ އަށް ވުރެ ބޮޑުވާނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން މީގެ ކުރިން ސްޓެލްކޯ އަށް ދީފައިވެ އެވެ.

ސްޓެލްކޯގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކުންފުންޏަށް މިއަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 7.05 ރުފިޔާ އަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު ޑީސަލް ލީޓަރެއް 7.50 ރުފިޔާ އަށް ގަންނަން ލިބިފައިވާއިރު މިދިޔަ ޖޫން މަހު ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 7.97 ރުފިޔާ އަށެވެ. އޭގެ ފަހުން ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވީ ސެޕްޓެމްބަރު މަހު އެވެ.

ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެލްކޯ އިން ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ކަރަންޓް އަގުތަކަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ކަރަންޓް ބިލް ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަމުންދަނިކޮށް މައްސަލައަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށެވެ.

ރައްޔިތުންގެ ޝަކުވާތައް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކަރަންޓްގެ ޓެރިފް ރޭޓް ތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެ ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން އިއުލާންކުރައްވާފައިވެސްވެ އެވެ. އެކަމަކު މިހާތަނަށްވެސް ސަރުކާރުން ނިންމި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.