ބޮސްޓަން ގައި 2013 ވަނަ އަހަރު ބޭއްވުނު ބޮސްޓަން މެރެތަން އަކީ މުޅި ބޮސްޓަންގެ ތާރީހުގައިވެސް އެންމެ ބިރުވެރި ރޭހަށް ވާނެ އެވެ. މިރޭސް ނިމެން ދިޔަ ވަގުތު ޓްރެކްގައި ރޭ ނިމޭ ހިސާބަށް ދިން ޓެރެރިސްޓް ހަމަލާއަކީ މުޅި ބޮސްޓަންއަށް ލިބުނު ބޮޑު ހިތާމައެކެވެ. މިހަމަލާގައި ވަނީ ތިން މީހަކު މަރުވެ 264 މީހުން ޒަހަމްވެފަ އެވެ.

މިހާދިސާއާ ގުޅުވަައިގެން މިހާރު މިވަނީ ހާއްސަ ފިލްމެއް ވެސް އުފައްދާފަ އެވެ. މާކް ވޯލްބާގް އުފެއްދި ފިލްމް "ޕެޓްރިއޮޓްސް ޑޭ" އިއްޔެ ވަނީ ޕްރިމިއާ ވެސް ކޮށްފަ އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ދަ ވޮޝިންގްޓަން ޓައިމްސް"ގައި ބުނެފައިވަނީ މިފިލްމް އުފެއްދުމާއި ގުޅިގެން އެކަމުގެ އެންމެ ބޮޑު ފައިދާއެއް ލިބުނީ މިހާދިސާގައި ޒަހަމްވި އޮފިސަރު ޑެނިސް ޑީޖޭ ސައިމޮންޑްސްގެ އާއިލާއަށް ކަމަށެވެ. އެއީ އިއްޔެގެ ވަގުތެއްގައި އެންމެ ފުރަތަމަ މި ފިލްމު އެމެރިކާގައި ޕްރިމިއާ ކުރުމާ ގުޅިގެން ސައިމޮންޑްސްގެ އާއިލާއަށް އެތައް ބަޔަކު ގެންދަނީ ހިތްވަރުގެ ބަސްތަކާއި މެސެޖްތައް ފޮނުވަމުންނެވެ. އަދި ސައިމޮންޑްސްގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ އަނެއްކާވެސް އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ.

"ޕެޓްރިއޮޓްސް ޑޭ" އަކީ ބޮސްޓަން މެރަތަން ރޭހުގެ ތެރެއިން ބޮމެއް ގޮއްވާލުމާއި ގުޅިގެން ޑެނިސް ޑީޖޭ ސައިމޮންޑްސްއަށް ލިބުނު ގެއްލުންތަކާއި އޭނާ އެދުވަހު އަމަލުކޮށްފައިވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. މިހާދިސާގައި ބޮޑު ޕައިޕް ބޮމެއް ސައިމަންޑްގެ ވަރަށް ގާތުން ގޮއްވާލުމާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

މިހާދިސާގައި ސައިމޮންޑްސް މަރުވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ވަނީ އެމެރިކާގެ ރިޓަޔާމަންޓް ބޯޑުން 150،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ވެސް ދީފަ އެވެ. ސަބަބަކީ ސައިމޮންޑްސް ބެލި ސިއްހީ ޑޮކްޓަރުންގެ ޕެނަލުން ވަނީ އޭނާ މަރުވީ އެހާދިސާގައި ލިބުނު ޒަހަމް ތަކުގެ ސަބަބުން ކަން ދައުލަތަށް ކަށަވަރު ކޮށްދީފަ އެވެ.

ބޮސްޓަން މެެރެތަންގެ ތެރެއިން ދިން ޓެރަރިސްޓް ހަމަލާއަކީ އެމެރިކާގެ ކަނެކްޓިކަޓް އަށް ނިސްބަތްވާ ދެބެން ކަމަށްވާ ޓެމާލެން ސާނޭވް އާއި ޒޯހަރް ސާނޭވް ދިން ހަމަލާ އެކެވެ. މި ހަމަލާ ދީފައިވަނީ 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.

"ޕެޓްރިއޮޓްސް ޑޭ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ބައެއް މީހުން ބުނީ މިހާދިސާއަކީ ކުރު ފިލްމަކުން ދައްކުވައިދެވޭ ވަރަށް ވުރެ ބޮޑު ހާދިސާއެއް ކަމަށެވެ. އަދި މިހާދިސާގައި ގެއްލުން ލިބުނީ ހަމައެކަނި ޑީ ޖޭ ސައިމޮންޑްސްއަށް ނޫން ކަމަށާއި އެތައް އޮފިސަރަކަށް އެތައް ގޮތަކަށް އެދުވަހު ގެއްލުން ލިބުނު ކަމަށްވެސް އެމީހުން ބުނެފައިވެ އެވެ.

އެމެރިކާގެ މެސެޗުސެޓްސްގައި ގާނޫނު ތަންފީޒުކުރާ އޮފިސަރުންގެ ތެރެއިން ޑިއުޓީގެ ތެރޭގައި މަރުވާ ފަރާތްތަކަށް ދޭ ހަނދާނީ ޝަރަފުވެސް މިދިޔަ އަހަރުގެ ތެރޭގައި ސައިމޮންޑްސްއަށް ވަނީ ލިބިފަ އެވެ.