މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް 53 އަހަރުގައި މަރުވެއްޖެ އެވެ.

ބީބީސީން މިއަދު ބުނިީ ޖޯޖް މައިކަލް މަރުވީ އޮކްސްފޯޑް ޝަޔާގެ ގޯރިންގްގައި ހުން އޭނާގެ އަމިއްލަ ގޭގައި ކަމަށެވެ. އެކަމަކު ޖޯޖް މަރުވި ގޮތުގެ ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނެފައިވަނީ މަރުގެ އަސްލު ސަބަބެއް އަދި ހޯދިފައި ނެތް ނަމަވެސް މިއީ ތުހުމަތުކުރެވޭ ކަހަލަ މަރެއް ނޫން ކަމަށެވެ. ނަމވެސް މަރުވި ގޮތުގެ ތަފްސީލް ހޯދުމަށްޓަކައި ޕޯސްތް މޯޓަމް ހަދަން ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޖޯޖް މަރުވުމާއި ގުޅިގެން އޭނާޣޭ އާއިލާއިން ވަނީ އެ އާއިލާގެ އަމިއްލަ ކަންކަމަށް އިހްތިރާމްކޮށް އާއިލާއަށް އުނދަގޫވާފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި މިވަގުތު ނުދެއްކުމަށް އެދިފަ އެވެ.

ޖޯޖް އާއި އެކު "ވޭމް"ގެ ނަމުގައި ދެ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޭންޑެއްގައި މަސައްކަތްކުރާ އެންޑްރޫ ރިޖްލީ ބުނީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ޖޯޖް މަރުވި ހަބަރަކީ އޭނާގެ ހިތްހަލާކުކޮށްލި ފަދަ ހަބަރެއް ކަމަށެވެ.

ޖޯޖު މައިކަލްއަށް އެންމެ ފުރަތަމަ މަޝްހޫރުކަމެއް ލިބިގެން ދިޔައީ 1981 ވަނަ އަހަރު އޭނާގެ ރަހްމަތްރތެރިޔާ އެންޑްރޫ އާއި އެކު އުފެއްދި "ވޭމް" ބޭންޑުންނެވެ. އެއަށް ފަހު ޕޯސްޓް-ޑިސްކޯ އާއި ޑާންސް-ޕޮޕް ސްޓައިލްގެ ހިތްގައިމު ލަވަތަކާ އެކު 80ގެ އަހަރުތަކުން ފެށިގެން 90ގެ އަހަރުތަކުގައި ވެސް އޭނާ އަކީ ޕޮޕް މިއުޒިކް ދުނިޔޭގައި ސުޕަސްޓާރެކެވެ.

ޖޯޖް މައިކަލްގެ ލަވަ ތަކަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ލަވަތަކެކެވެ. މީގެތެރޭގައި އާންމުންނަށް އެ ލަވައެއްގެ މަތިން އަބަދުވެސް ހަނދާނުން ފުހެލަން އުނދަގޫ "ކެއާލަސް ވިސްޕާޒް"ގެ އިތުރުން "ފާދާ ފިގާ" އަދި "ވަން މޯ ޓްރައި" ފަދަ ލަވަ ތަކަކީ މުޅި ދުނިޔޭގައި މަޝްހޫރުވެގެން ދިޔަ ލަވަތަކެކެވެ.

މައިކަލްގެ އަލްބަމްތަކުގެ 100 މިލިއަނަށް ވުރެ ގިނަ ކޮޕީ ވަނީ މިހާރު ވިކިފަ އެވެ. މީގެ އިތުރުން އޭނާއަށް ލިބުނު އެހެން ކާމިޔާބީތަކުގެ ތެރޭގައި ޝަރަފްވެރި ގްރެމީ އެވޯޑްސް ދެ ފަހަރު ލިބުމާއި އެމެރިކަން މިއުޒިކް އެވޯޑްސް ތިން ފަހަރެއްގެ މަތިން ލިބިފައިވެ އެވެ.

ޖޯޖް މަރުވެފައި މިވަނީ އަންނަ އަހަރު އޭނާ އާއި ގުޅޭގޮތުން ތައްޔާރުކުރާ ޑޮކިއުމަންޓްރީއެއް ނެރުމަށް ހަމަޖެހިފައި ވަނިކޮށެވެ. އެއީ އޭނާއާ މަސްތުވާތަކެއްޗާއި ގުޅުންވާ ކަމަށް ނުޫސް ތަކުގައި ދައްކަމުން ދިޔާ ވާހަކަތަކާއި ގުޅޭގޮތުން ނެރުމަށް ހަމަޖެހިފަވާ ޑޮކިއުމެންޓްރީއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.