ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ޝާހްރުކް ހާން އަށް "އޮނޮރަރީ ޑޮކްޓްރޭޓް"ގެ ދަރަޖަ ލިބިއްޖެ އެވެ. އޮނޮރަރީ ޑޮކްޓްރޭޓް އަކީ ޔުނިވާސިޓީ ފަދަ ތައުލީމީ މުއައްސަސާއަކަށް ކިޔަވަން ނުދިޔަ ނަމަވެސް އެ މީހަކު މަސައްކަތް ކުރާ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައި ޔުނިވަސިޓީތަކުން އެފަދަ މީހުނަށް ދެވޭ ރަމްޒީ ސެޓްފިކެޓެކެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓައިމްސްގައި ބުނެފައިވަނީ ޝާހްރުކް ހާން އަށް އޮނޮރަރީ ޑޮކްޓްރޭޓްގެ ޝަރަފު ދީފައިވަނީ އިންޑިއާގެ ހައިދަރްއާބާދްގައި ހުންނަ މައުލާނާ އާޒާދް ނެޝަނަލް އުރްދޫ ޔުނިވާސިޓީގައި އިއްޔެ ބޭއްވި އެ ޔުނިވާސިޓީގެ ހަވަނަ ދަސްވެނިވުމުގެ ހަފްލާގައި ކަމަށެވެ.

މައުލާނާ އާޒާދް ނެޝަނަލް އުރްދޫ ޔުނިވާސިޓީން ބުނީ ޝާހްރުކް ހާންގެ އިތުރުން ރެޙްތާ ފައުންޑޭޝަންގެ ބާނީ ރަޖީވް ސަރަފް އަށްވެސް އޮނޮރަރީ ޑޮކްޓްރޭޓްގެ ޝަރަފު ދީފައިވާ ކަމަށެވެ. މި ދެބޭފުޅުންނަށް މި ޝަރަފު ދީފައިވަނީ އުރުދޫބަސް ކުރިއަރުވާ އަދި އެތަނުގެ ސަގާފަތް ކުރިއެރުވުމަށްޓަކައި މި ދެ ބޭފުޅުން ކޮށްފައިވާ އާދަޔާހިލާފު މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށްވެސް ބުނެ އެވެ.

މައުލާނާ އާޒާދް ނެޝަނަލް އުރްދޫ ޔުނިވާސިޓީން ބުނީ އެ ޔުނިވާސިޓީގެ މިރަސްމިއްޔާތުގައި 2،885 ދަރިވަރުން ދަސްވެނި ވެގެން ގޮސްފއިވާ ކަމަށެވެ. އަދި 276 ދަރިވަރުންނަށް މާސްޓާޒް އަދި ޕީއެޗްޑީ ހޯލްޑާގެ މަގާމު އެ ޔުނިވާސިޓީގައި ހިންގުނު އާންމު ކޯސްތަކުން ދީފައިވާ ކަމަށެވެ. މީގެ އިތުރުން 44،235 ދަރިވަރުން ޑިސްޓަންސް މޯޑުން ހިންގުނު ކޯސްތަކުން ދަސްވެނި ވެގެންގޮސްފައިވާ ކަމަށްވެސް ބުނެ އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ހައިދަރްއާބާދްގެ ޓެލަންގާނާގެ ގަވަރުނަރު އީއެސްއެލް ނަރަސިމްހަންއާއި އަދި އެ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މުހަންމަދު މަހްމޫދް އަލީގެ އިތުރުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޒަފަރް ޔޫނުސް ސަރެސްވާލާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޝާހްރުކް ހާން އަށް ވަނީ ސްކޮޓްލޭންޑްގެ ޔުނިވާސިޓީ އޮފް އެޑިންބާގުންވެސް އޮނޮރަރީ ޑޮކްޓްރޭޓްގެ ޝަރަފު މިދިޔަ އަހަރުގެ ތެރޭގައި ލިބިފަ އެވެ. މީގެ އިތުރުން 2009 ވަނަ އަހަރު ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާ އިން ވެސް އޮނޮރަރީ ޑޮކްޓްރޭޓް ލިބިފައިވެ އެވެ.