ިމިއަދަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާންއަށް 51 އަހަރު ފުރުނު ދުވަހެވެ. އަދި ސަލްމާންގެ އުމުރުން އާ އަހަރެއް ފުރުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން މިއަދުން ފެށިގެން އާއަހަރު ފެށެންދެން ފެސްޓިވަލެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ ސަލްމާން ހާން އެންމެ އިތުބާރުކުރާ އޭނާގެ ބޮޑީ ގާޑް ގުރްމީތު ސިންހް (ޝެރާ)، މީގެ ދުވަސްކޮޅެއް ކުރިންވެސް ސަލްމާންގެ އުފަން ދުވަހާ ދިމާކޮށް ވަރަށް ފުރިހަމަ ހަފްލާއެއް ބާއްވާނެ ކަމުގެ ހަބަރު އާންމުންނަށް ދީފައިވާ ކަމަށެވެ.
ޝެރާ މައުލޫމާތު ދިިން ގޮތުގައި ސަލްމާންގެ އުފަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގަ އެވެެ. މިހަފްލާ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށްވެސް ބުނެ އެވެ. އަދި މިރެއިން ފެށިގެން އާއަހަރު ފެށެންދެން ފެސްޓިވަލެއްވެސް ބޭއްވިގެންދާނެ ކަމަށް ޝެެރާ ބުނެ އެވެ. ސަބަބަކީ މިހަފްލާގައި ސަލްމާންގެ އުފަން ދުވަސް ފާހަގަކުރުމުގެ އިތުރުން އާއަހަރު ފެށުމުގެ އުފާވެސް ފާހަގަކުރާތީ ކަމަށް މައުލޫމާތު ދީފައިވެ އެވެ.
"މިއަދަކީ އަހަރެންގެ ބޮޑުމީހާގެ އުފަން ދުވަސް. އަދި މިއީ އަހަރެމެންނަށް އަހަރުގައި އަންނަ އެންމެ އުފާވެރި ދުވަސް. އަދި މިހަފްލާ ވެގެން ދާނީ އަހަރެމެންނަށް އަންނަ އީދަކަށް،" ޝެރާ ބުންޏެވެ.
ޝެރާ އިތުރުން ބުނީ މިހަފްލާގައި ސަލްމާންގެ އާއިލާގެ މެމްބަރުންގެ އިތުރުން ވަރަށް ގިނަ ރަހުމަތްތެރިން ވެސް ބައިވެރިވާނެ ކަމަށެވެ.
މިކަމާ ގުޅިގެން މިހާރު އާންމުންގެ ބޮޑު ސުވާލަކަށްވެފައިވަނީ މިހަފްލާގައިވެސް ސަލްމާންގެ "އެންމެ ގާތް ރަހްމަތްތެރިޔާ" އިއުލިއާ ވެންޓުއާ ވެސް ބައިވެރިވެގެންދާނެ ތޯއެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ވާހަކައެއް ޝެރާ ދައްކާފައެއް ނުވެ އެވެ. ނަމަވެސް މިރޭގެ މިހަފްލާއި އަނިލް ކަޕޫރާއި ސުނިލް ޝެޓީ ބައިވެރިވެގެންދާނެ ކަމުގެ ޔަގީންކަން ޝެރާ ވަނީ ދީފަ އެވެ.